Last Updated: July 25, 05:53
Saturday, July 25, 2026
މުނިފޫހިފިލުވުން

އަރިއަންގެ ސީރީޒަށް ބޮޑު އަގެއް ހުށަހަޅައިފި

ބޮލީވުޑްގެ ތަރު ޝާހްރުކް ޚާންގެ ދޮށީ ދަރިފުޅު އަރިއަން ޚާން ލިޔެ، ޑައިރެކްޓްކުރާ ވެބް ސީރީޒް "ސްޓާޑަމް" އަށް ސްޓްރީމިން ޕްލެޓްފޯމަކުން ބޮޑު އަގެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމަކުން އޭގެ ރައިޓްސް ގަންނަން ހުށަހެޅީ 120 ކްރޯޑް ރުޕީސް 14.5 މިލިއަން ޑޮލަރު) އަށް ކަމަށެވެ. އެކަމަކު އެއީ ކޮން ޕްލެޓްފޯމެއް ކަމެއް ހާމައެއްނުކުރެ އެވެ. "ސްޓާޑަމް" އަކީ އަރިއަންގެ ބައްޕަގެ ފިލްމު ކުންފުނި، ރެޑް ޗިލީސް އެންޓަޓައިންމަންޓުން ހަދާ އެއްޗެކެވެ. އަދި އެ ސްޓޫޑިއޯ އަކީ މަޝްހޫރު ސްޓްރީމިން ކުންފިނިތައް ކަމަށްވާ ނެޓްފްލިކްސް އާއި އެމެޒޯން ޕްރައިމް ވީޑިއޯގެ ވަރަށް ގާތް ބައިވެރިއެކެވެ.

ހެދުމުގެ މަރުހަލާގައި އޮއްވައި އަރިއަންގެ ސީރީޒަށް 120 ކްރޯޑް ރުޕީސްގެ އަގެއް ހުށަހެޅުމަކީ އާ ފަންނާނެއްގެ އުފެއްދުމަކަށް ބަލާ އިރު، ވަރަށް ބޮޑު އަގެކެވެ. އަދި މިއިން ދައްކުވައި ދެނީ އަރިއަން އޮތް އިތުބާރާއި އޭނަ ގެނެސްދޭނެ ކޮންޓެންޓްގެ ވަރުގަދަކަން ކަމަށް މީޑިއާތަކުން ބުނެ އެވެ.

މިޑިއާތަކުން ބުނި ގޮތުގައި އަރިއަން އަށް ލިބުނު އޮފާއާ މެދު ގޮތެއް ނިންމާނީ ސީރީޒްގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިމުމުންނެވެ.

ފިލްމީ ދާއިރާގެ ތެރޭގައި ހިނގާ ކަންތައްތަކަށް ބިނާކޮށް އަރިއަން ޑައިރެކްޓްކުރާ ފުރަތަމަ ސީރީޒް "ސްޓާޑަމް" ޝޫޓިން ފެށީ މި އަހަރުގެ ކުރީކޮޅު އެވެ. އެކަމަކު މިއާ އެއްވެސް ތަފުސީލެއް ރަސްމީކޮށް އަދި ހާމައެއްނުކުރެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ސީރީޒްގެ ކާސްޓްގައި އާ އެކްޓަރެއް ކަމަށްވާ ލަކްޝް ލަލްވާނީ އާއި މަޝްހޫރު ޓީވީ އެކްޓަރު ރާމް ކަޕޫރްގެ އަންހެނުން، ގޯތަމީ ކަޕޫރް ހިމެނެ އެވެ. އަދި މީގެ ހާއްސަ ފެނިލުންތަކުގައި ޝާހްރުކާއި ރަންވީރު ސިންގުގެ އިތުރުން ރަންބީރް ވެސް ހިމެނޭނެ އެވެ.

އަރިއަން ދާދި ފަހުން ބައްޕަ ޝާހްރުކް ހިމަނައިގެން އިޝްތިހާރެއް ވެސް ޑައިރެކްޓްކޮށްފައިވެ އެވެ. އަދި އޭގައި ދެބަފައިން ފެނިގެންދެ އެވެ.