Last Updated: July 17, 06:30
Friday, July 17, 2026
ރިޕޯޓް

އިންތިހާބަށް 8 ކެންޑިޑޭޓުން: ހޮވަންވީ ކާކު؟

ދިވެހިން މިހާރު ތައްޔާރު ވަނީ ބޮޑު ވޯޓަކަށެވެ. ރިޔާސީ އިންތިހާބު އަންނަ މަހުގެ 9 ގައި އޮންނާނެ އެވެ. އެހެންވެ އެ ދުވަހަކީ ވޯޓްލާ އުމުރުގެ މީހުން އެ މީހުންގެ ވަރަށް އަސާސީ ހައްގެއްގެ ބޭނުން ހިފައި، ގައުމުގެ ކުރިމަގާ މެދު ގޮތެއް ނިންމާނެ ދުވަހެކެވެ.

މުޅި ރާއްޖެ މިހާރު އޮތީ ރިޔާސީ އިންތިހާބު ކެމްޕޭން ފޯރި އާއި އެ ވާދަވެރިގަނޑުގެ ކަމނުގެ ތެރޭގަ އެވެ. އިންތިހާބަށް ކުރިމަތިލާން ދިން މުއްދަތު އިއްޔެ މި ވަނީ ހަމަވެފަ އެވެ. ކަށަވަރުވި ކަމަކީ 8 ކެންޑިޑޭޓަކު އިންތިހާބަށް ވާދަކުރައްވާކަމެވެ. މީގެ ތެރެއިން ފަސް ބޭފުޅުން ވާދަކުރައްވަނީ ޕާޓީތަކުގެ ފަރާތުންނެވެ. ތިން ކެންޑިޑޭޓަކު އަމިއްލަ ގޮތުންނެވެ. އަދި މި ފަހަރަކީ ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ބޭފުޅުން ވާދަ ވެސް ކުރައްވާ ފަހަރެވެ.

އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުކާންކުރެއްވި ބޭފުޅުންގެ ތެރެއިން އެ ނިންމުން ދޫކޮށްލެއްވީ އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވި ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުނައްވަރެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން މިހާރު ތައްޔާރު ވަނީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަން ތަރުހީބުކޮށް މާދަމާ އެކަން އިއުލާންކުރުމަށެވެ. އެހެންވެ މި ދަނޑިވަޅުގައި އިންތިހާބުގައި ވާދަކުރައްވާ 8 ބޭފުޅުންގެ މަތިން ހަނދާން އާކޮށްލަމާ ހިނގާށެވެ.

1. ރައީސް ސޯލިހު

ރައީސް އިވްރާހީމް މުހައްމަދު ސޯލިހަކީ މިހާރުގެ ރައީސެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓެވެ. އެ މަނިކުފާނު ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވަން ޕާޓީގެ ޓިކެޓް ހޯއްދެވީ ރާއްޖޭގެ ސިޔާސީ މައިދާނުން އެންމެ ފާހަގަކޮށްލެވޭ އެއް ބޭފުޅާ ކަމަށްވާ މުހައްމަދު ނަޝީދާ ވާދަކުރައްވަ އެވެ.

މި ފަހަރު މި އިންތިހާބު ރައީސް ސޯލިހަށް ކާމިޔާބުވެއްޖެ ނަމަ މިކަން ވާނީ ގިނަ ޕާޓީ އެކުލެވޭ ގޮތަށް ރާއްޖޭގައި ރިޔާސީ އިންތިހާބު ބާއްވަން ފެށި ފަހުން ދެވަނަ ދައުރެއް ހޯއްދެވި ފުރަތަމަ ބޭފުޅާށެވެ. ރައީސް މިހާރު ވަރަށް ފޯރީގައި ކެމްޕޭން ކުރައްވަމުން ގެންދަވާ އިރު، ރަނިންމޭޓަކީ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރުި މުހައްމަދު އަސްލަމެވެ.

އެމްޑީޕީގެ ކޯލިޝަން ބައިވެރިންނަކީ އަދާލަތާއި އެމްޑީއޭ އެވެ. މި ކޯލިޝަންގެ ޝިއާރަކީ "އަމާން އުފާވެރި ރާއްޖެ" އެވެ.

2. ގާސިމް އިބްރާހީމް

ރާއްޖޭގެ އެންމެ ބޮޑު ގާސިމް އިބްރާހީމަކީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކެންޑިޑޭޓެވެ. ސިޔާސީ ދާއިރާ އިން ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ގާސިމްގެ ޕްރޮފައިލަށް މިހާރު އިތުކުރަން ކުރަން އޮތް މުހިއްމު، އެންމެ ބޮޑު ކަމަކީ ރައީސްކަމެވެ. އެކަމަށް އޭނަ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ފައިން ނެންގެވި އެވެ. އެކަމަކު ވެރިކަމާ ހަމައަށް ވަޑައިގެންނެވޭ ގޮތެއް ނުވެ އެވެ.

މި ފަހަރަކީ ގާސިމްގެ ތިން ވަނަ ފަހަރެވެ. އަދި ޖޭޕީ ބުނާ ގޮތުން މިއީ ގާސިމްގެ ފަހަރު ވެސް މެ އެވެ. އެހެންވެ ގާސިމާއި ޖޭޕީން ރައްޔިތުންނަށް ބުނަނީ "ހާސްކަނޑާލާށޭ" އެވެ.

މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް މި ފަހަރު އިންތިހާބަށް ވާދަކުރައްވަނީ ރަނިންމޭޓަކަށް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް ގޮވައިގެންނެވެ. އަމީނަކީ ދާދި ފަހުން ފީއެޗްޑީ ހާސިލުކުރައްވާފައިވާ އިލްމީ އަދި ސިޔާސީ ތަޖުރިބާ ވެސް ހުންނެވި ބޭފުޅެކެވެ.

3. ކާނަލް ނާޒިމް

ކާނަލް މުހައްމަދު ނާޒިމަކީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ކެންޑިޑޭޓެވެ. އަދި އޭނަ އަކީ މަޖިލީހުގެ ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރެވެ. ނާޒިމަކީ އަސްކަރީ ތަޖުރިބާ ވެސް ހުންނެވި އަދި ކުރިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނަގެ ރަނިންމޭޓަކީ އައްޑު އަށް ނިސްބަތްވާ ތައުލީމީ ދާއިރާގެ ހިދުމަތްތެރިއެއް ކަމަށްވާ ޑރ. އަހުމަދު އަދީލް ނަސީރެވެ.

ނާޒިމްގެ ވައުދަކީ އޭނަގެ ވެރިކަމާ އެކީ "އުޖާލާ ޒަމާން" އެއް ދިވެހިންނަށް ގެނެސްދެއްވުމެވެ.

4. ޑރ. މުއިއްޒު

ޑރ. މުހައްމަދު މުއިއްޒަކީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެވެ. ކުރިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ މުއިއްޒަކީ މާލޭގެ މިހާރުގެ މޭޔަރެވެ. އޭނަ އަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް ލިބުނީ، އެ ކޯލިޝަންގެ ކެންޑިޑޭޓް ކަމަށްވާ ޕީޕީއެމްގެ ރައީސް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތްވުމުންނެވެ.

އެ މަނިކުފާނު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެހެންވެ ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭނެކަމުގެ ފަހު ނިންމުން ނިންމީ ސުޕްރީމް ކޯޓުންނެވެ.

ވަރަށް ހިންގުންތެރި ބޭފުޅެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މުއިއްޒުގެ ރަނިންމޭޓަކީ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.

5. އިލްޔާސް ލަބީބު

އިލްޔާސް ލަބީބަކީ ރާއްޖޭގައި އެންމެ ފަހުން އުފެދުނު ސިޔާސީ ޕާޓީ، ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓެވެ. އޭނަ އަކީ ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު ވެސް މ އެވެ. އިލްޔާސަކީ މި ފަހަރު އިންތިހާބުގައި ވާދަކުރައްވާ އެންމެ ޒުވާން ބޭފުޅާ އެވެ. އޭނަގެ ރަނިންމޭޓް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އަކީ ވެސް ޒުވާން ބޭފުޅެކެވެ.

އެހެންވެ މި ފަހަރު ވާދަކުރައްވާ އެންމެ ޒުވާން ޕެއާ އަކީ މި އެވެ.

އިލްޔާސްގެ ފަހަތުގައި އެންމެ އިސްކޮށް ހުންނެވީ، އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިނުގަތުން ބޮޑާހާއްކަވައި އެމްޑީޕީ "ބައިކޮށްލި" ނަޝީދެވެ. އެ މަނިކުފާނު ވިދާޅުވާ ގޮތުން މި ފަހަރު ވެރިކަން ދޭންވީ އިލްޔާސް ފަދަ ޒުވާން ބޭފުޅަކަށެވެ. އަދި އިންތިހާބު ދެވަނަ ބުރަކަށް ގޮސް، އިންތިހާބު ކާމިޔާބު ކުރައްވާނީ ވެސް އިލްޔާސެވެ.

އިލްޔާސްގެ ކެމްޕޭން ތެރެއިން މިހާރު ފެންނަނީ ނަޝީދު "ސްޓައިލް" އަށް އުޅުއްވާ ތަނާއި ނަޝީދު ދައްކަވާ ކަހަލަ ވާހަކަ ދައްކަ ވާ ތަނެވެ. އެހެންވެ އިލްޔާސް ސިފަކުރެވެނީ ނަޝީދު "ފީޑްކޮށްދެއްވާ" ބޭފުޅެއްގެ ގޮތުގަ އެވެ.

6. އުމަރު ނަސީރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަކީ އަމިއްލަ ގޮތުން ވާދަކުރައްވާ ބޭފުޅެކެވެ. އޭނަ އަކީ 2008 ގެ އިންތިހާބަށް ވެސް ނުކުންނެވި ބޭފުޅެކެވެ. އޭރު ވާދަކުރެއްވީ، އޭރު ގެންގުޅުއްވި ޕާޓީ އައިޑީޕީގެ ކެންޑިޑޭޓް ގޮތުގަ އެވެ. އުމަރަކީ އަސްކަރީ ތަމްރީނު ލިބިވަޑައިގެންނެވި އަދި އަމިއްލަ ވިޔަފާރީގެ ތެރޭގައި ވެސް އުޅުއްވާ ބޭފުޅެކެވެ.

ރާއްޖޭގައި އޮޕަރޭޓްކުރާ ހަމައެކަނި ސަބްމެރީންގެ އޮޕަރޭޝަންގެ ފަހަތުގައި ހުންނެވީ އުމަރެވެ. އުމަރު އަބަދު ވެސް ފާހަގަކުރެވެނީ ސިޔާސީ ގޮތުން އަބަދު ވެސް ވަރަށް ވަރުގަދަ ވާހަކަ ދައްކަވާ ބޭފުޅެއްގެ ގޮތުގަ އެވެ. އެކަމަކު އެ ދައްކަވާ ވާހަކަ ތަންފީޒުކުރެވޭނީ އޭނަ އަށް ވެސް ވެރިކަމަށް ވަޑައިގެންނެވިގެންނެވެ.

އުމަރުގެ ރަނިންމޭޓަކީ މުހައްމަދު ސަލީމު (މާޒު ސަލީމު) އެވެ.

7. ފާރިސް މައުމޫން

ފާރިސް މައުމޫނަކީ ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލެކެވެ. އޭނަ އިންތިހާބުގައި މުޅިން އަލަށް ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ. މިގޮތަށް ދިމާވި މައިގަނޑު ސަބަބަކީ ބައްޕާފުޅު އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕާޓީ، އެމްއާރްއެމް ގާނޫނީ މައްސަލައެއްގެ ތެރޭގައި އޮތުމެވެ. އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވުމުގެ މައްސަލަ އެވެ.

އެކަމާ ހެދި އެމްއާރްއެމް އުވައިލަން އީސީން ނިންމި ނިންމުން މި ވަގުތު އޮތީ ކޯޓް މަރުހަލާގައި ހުއްޓުވައިފަ އެވެ. އެކަމަކު ފާރިސް އަމިއްލަ ގޮތުން ވާދަކުރެއްވީ އެ މައްސަލަ ފެންމަތިވެދާނެ ކަމަށް ރިއާޔަތްކޮށެވެ. ފާރިސްގެ ރަނިންމޭޓަކީ ޑރ. އަބްދުއްސައްތާރު ޔޫސުފެވެ.

8. ވެރިކަމަށް ވާދަކުރައްވާ ދެމަފިރިން

މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރިޔާސީ އިންތިހާބަށް ދެމަފިރިއަކު ވާދަކުރައްވާ ފުރަތަމަ ފަހަރެވެ. އެގޮތުން އަމިއްލަ ގޮތުން ވާދަކުރައްވަނީ ހަސަން ޒަމީލެވެ. މިއީ އާންމުންގެ ތެރޭގައި މާ ރައްޓެހި ނަމެއް ވެސް ނޫނެވެ. ސިޔާސީ ދާއިރާ އިން މިހާތަނަށް ގިނަ ބަޔަކަށް ފަރިތަ ނަމެއް ވެސް ނޫނެވެ.

ޒަމީލަކީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނަ ރިޔާސީ އިންތިހާބަށް ވާދަކުރައްވަނީ ރަނިންމޭޓަކަށް އަނބިކަނބަލުން މަރިޔަމް އަލީމް ގޮވައިގެންނެވެ، އެހެންވެ މި ބޭފުޅުން ނަން ޔަގީނުން ވެސް ތާރީހުގައި ލިޔެވޭނީ ވެރިކަމަށް ވާދަކުރައްވާ ފުރަތަމަ ދެމަފިރިކަނބަލުންގެ ގޮތުގަ އެވެ.

ކެންޑިޑޭޓުންގެ ވާހަކަ މި ހިސާބުން ކުރިކޮށްލާނީ އެވެ. ކޮންމެ މީހަކަށް ވެސް އެ މީހަކު ވޯޓްލާނެ ކެންޑިޑޭޓެއް ނިންމުމުގެ ހައްގު އެބައޮތެވެ. އަދި ނިންމުން ނިންމާނީ އަންނަ މަހުގެ 9 ގަ އެވެ.