Last Updated: July 25, 05:53
Saturday, July 25, 2026
މުނިފޫހިފިލުވުން

އެކްޓަރުން ވެކްސް ކުރާތީ ސަނީ އަށް ކަމަކުނުދޭ!

ބޮލީވުޑްގެ އެކްޓަރުން ފަހަކަށް އައިސް އެ މީހުންގެ ހަށިގަނޑު ވަރުގަދަކޮށް، ގައިގައި ހުންނަ އިސްތަށި އެއްކޮށް ބާލާތީ އެކްޓަރު ސަނީ ޑިއޯލް އެކަމަށް ފާޑު ކިޔައިފި އެވެ.

އަންނަ ހުކުރު ދުވަހު ރިލީޒްކުރާ އޭނަގެ އާ ފިލްމު "ގަދަރު 2" ގެ ޕްރޮމޯޝަންގެ ތެރެއިން އާޖް ތަކް އަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ މިހާރުގެ އެކްޓަރުންގެ ހަށިގަނޑު ފެނުމުން ލަދު ގަންނަ ކަމަށެވެ. އަދި އެ މީހުންގެ ހަށިގަނޑު އެއްކޮށް ވެކްސްކޮށްފައ ހުރުމުން ސިފަވަނީ އަންހެނުގެ ގޮތުގައި ކަމަށް ވެސް ސަނީ ބުންޏެވެ.

"ހަމަ ތެދަށް މި ބުނީ އަހަރެން ލަދުގެނޭ މިހާރު އުޅޭ އެކްޓަރުން ހަށިގަނޑު ފެނުނީމަ." ސަނީ ބުންޏެވެ.

އޭނަ ބުނި ގޮތުގައި އެކްޓަރުންނަކީ ބޮލީޑަަރުންނެއް ނޫނެވެ. އެހެންވެ ކޮންމެހެން ހަށިގަނޑު ވަރުގަދަކޮށް، އެ ހަށިތައް ސްކްރީންގައި ދައްކާލައި އާންމުންގެ ސަމާލުކަން ހޯދަން ފިރިހެނުންނާ އެހާ ނުގުޅޭ ކަންކަން ކުރުމަކީ އެހާ ގަބޫލު ކުރެވޭ އުސޫލެއް ނޫން ކަމަށް ބުންޏެވެ.

"ފިލްމު ކުޅޭ މީހުން ކުރަނީ އެކްޓް. އެ މީހުން ސަމާލުކަން ދޭންވީ ކަމަކީ އެ ހުނަރު ރަނގަޅުކޮށް، ކުރިއަރުވަން." ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރު ބުންޏެވެ.

ސަނީ ބުނި ގޮތުގަައި އޭނަ އަކީ އެއް އިރެއްގައި ވެސް ދެއްކުންތެރިވާ އެކްޓަރެއް ނޫނެވެ. އެހެންވެ ފިޓްނަސް އަށް ސަމާލުކަން ދިނަސް، ހަށިގަނޑަށް ބަދަލުތަކެއް ގެންނަން އެއް އިރެއްގައި ވެސް އިސްކަން ނުދޭ ކަމަށް ބުންޏެވެ. އެކަމަކު ބެލުންތެރިން އޭނަ ބަލައިގެންފައިވާ ކަމަށާއި ބަލައިގަތީ ރަނގަޅު އެކްޓަރެއްގެ ގޮތުގައި ކަމަށް މަޝްހޫރު އެކްޓަރު ދަރުމެންދުރާގެ ދަރިފުޅު ބުންޏެވެ.

ސަނީ، 66، ގެ ދަރިން ވެސް މިހާރު ވަނީ ފިލްމީ ދާއިރާ އަށް ނުކުމަފަ އެވެ. އޭނަގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް، 32، ބޮލީވުޑަށް ނުކުތީ 2019 ގެ "ޕަލް ޕަލް ދިލް ކޭ ޕާސް" އިންނެވެ. އަދި ހަގު ދަރިފުޅު ރަޖްވީރު ޑިއޯލްގެ ފުރަތަމަ ފިލްމަކީ ރިލީޒްކުރަން ތައްޔާރުވަމުން އަންނަ "ދޯނޯ" އެވެ.