Last Updated: May 20, 06:07
Monday, May 20, 2024
ދުނިޔެ

ރަޝިއާ އިން ހަނދަށް އުޅަނދެއް ފޮނުވަނީ

ރަޝިއާ އިން ހަނދަށް އުޅަނދެއް ފޮނުވަން ތައްޔާރުވާން ފަށައިފި އެވެ.

އެ ގައުމުގެ ޖައްވީ އިދާރާ ރޮސްކޮސްމޮސް އިން މިކަން ކަށަވަރުކޮށް ދީފައިވާ އިރު، މިއީ 1976 ގެ ފަހުން މިފަދަ މިޝަނެއް ރަޝިއާ އިން ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ. އެގޮތުން މިހާރު ތާވަލުކޮށްފައިވާ ގޮތުން ހަނދަށް އުދުއްސައިލާ އުޅަނދު އަންނަ ހުކުރު ދުވަހު ލޯންޗްކުރާނެ އެވެ.

މި ތާރީހީ ހަރަކާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ރަޝިއާގެ ވެރިރަށް، މޮސްކޯގެ އިރުމަތިން 3،450 މޭލު ދުރުގައި ހުންނަ ވޮސްޓޮކްނީ ކޮސްމޮޑްރޯމުންނެވެ.

ރަޝިއާގެ ޖައްވީ އިދާރާ އިން ބުނީ ލޫނާ-25 ހަނދާ ހަމައަށް ވާސިލުވާން ފަސް ދުވަސް ނަގާނެ ކަމަށާއި އަދި ހަނދުގެ ވަށައިގެން ހަތް ދުވަސް ހޭދަކުރާ އިރު، ހަނދަށް ލޭންޑްކުރަން ތިން ފަހަރެއްގެ މަތިން މަސައްކަތްކުރާނެ ކަމަށެވެ.

މި ދަނޑިވަޅަކީ މީގެ މަހެއްހާ ދުވަސް ކުރިން އިންޑިއާ އިން ވެސް ހަނދަށް އުޅަނދެއް ފޮނުވާފައިވާ ވަގުތަކަށްވުމާ އެކީ ދެ ގައުމުގެ އުޅަނދުތައް މުޑިއަރައި، ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ކަމަށް ވާހަކަ ދެކެވޭތީ ރޮސްކޮމޮސް އިން ބުނީ އެފަދަ ކަމެއް ދިމާވުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށެވެ.

"އެފަދަ ކަމެއް ދިމާވުމުގެ ފުރުސަތެއް ނޯންނާނެ. އެއަށް ވުރެ އެތަނުގެ ޖާގަ ބޮޑު." ރޮސްކޮސްމޮސް އިން ބުންޏެވެ.

އެމެރިކާ އިން މިހާރު އަންނަނީ އަންނަ އަހަރުގެ ފަހުކޮޅު ނުވަތަ 2025 ގެ ކުރީކޮޅު ހަނދަށް އެސްޓްރޮނޯޓުންތަކެއް ފޮނުވަން "އާޓެމިސް" ގެ ނަމުގައި ބޮޑު ޕްރޮގްރާމެއް ހިންގަމުންނެވެ.