Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

އައްޑޫ ބްރިޖްގެ ވާހަކަ މުއިއްޒު ވެސް އާކޮށްފި

އައްޑޫގެ ހުޅުމީދު އާއި ހިތަދު ބްރިޖަކުން ގުޅައިލާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެވަަޑައިގެންފައި އޮތް ވައުދު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެސް އާ ކުރައްވައިފި އެވެ.

މި ބްރިޖްހެ ވާހަކަ ޔާމީން އެންމެ ފަހުން ދެއްކެވީ މިދިޔަ އަހަރު ޖަލުން މިނިވަންވެވަޑައިގަތުމުން ކެމްޕޭނަށް އަތޮޅުތަކަށް ފެއްޓެވި ދަތުރުގެ ތެރެއިން ނޮވެމްބަރުގެ ކުރީޅު އައްޑު އަށް ކުރެއްވި ދަތުރުގެ ތެރޭގަ އެވެ. އެގޮތުން ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ހުޅުމީދޫގައި ޔާމީން ވިދާޅުވެފައި ވަނީ އެ މަނިކުފާނުގެ ސަރުކާރުގައި ހުޅުމީދޫ-ހިތަދޫ ބްރިޖަކުން ގުޅައިލާނެ ކަމަށެވެ.

ޔާމީންގެ އެ ވައުދު މުއިއްޒު އަލުން އާކުރެއްވީ ރޭ ޕީޕީއެމް/ޕީއެންސީގެ އޮފީހުގައި އައްޑޫގެ ސަޕޯޓަރުންތަކަކާ ބައްދަލުކުރައްވަ އެވެ. މުއިއްޒު ވިދާޅުވީ ޔާމީން މިދިޔަ އަހަރު އައްޑު އަށް ވަޑައިގެން ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް، އޭނަ މި އަހަރުގެ އިންތިހާބު ކާމިޔާބު ކުރައްވައި ފުއްދަވާނެ ކަމަށެވެ. އެގޮތުން އެންމެ ހާއްސަ އެއް ކަމަކީ ބްރިޖް ކަމަށް ވެސް ވިދާޅުވި އެވެ.

ހުޅުމީދު އާއި ހިތަދޫ ބްރިޖަކުން ގުޅައިލާ ވާހަކަ އަކީ އެކިއެކި ރިޔާސީ ކެމްޕޭންތަކުގައި މީގެ ކުރިން ވެސް ބައެއް ރިޔާސީ ކެންޑިޑޭޓުން ދައްކަވާފައިވެ އެވެ. އެގޮތުން މި ބްރިޖްގެ ވާހަކަ އެންމެ ފުރަތަމަ ތިލަކުރެއްވީ 2008 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.

ރާއްޖޭގައި މިހާތަނަށް ބްރިޖެއް އަޅަން ހިންގި އެންމެ ބޮޑު، ފުރަތަމަ މަޝްރޫއު ހިންގެވީ ޔާމީންގެ ވެރިކަމުގަ އެވެ. އެއީ ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން މާލެ އާއި ހުޅުމާލެ ގުޅާލި އޮތް ބްރިޖެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް މިހާރު އަންނަނީ މާލެ ސަރަހައްދުގައި ބްރިޖެއް އެޅުމުގެ ބިޔަ މަޝްރޫއެއް ހިންގަމުންނެވެ. އެއީ އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ "ތިލަމާލެ" ބްރިޖެވެ.