Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ކުޑަހުވަދޫ ފެނަކަ އާ އޮފީސް ހުޅުވައިދެއްވައިފި

ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދ. ކުޑަހުވަދޫ ފެނަކަ އޮފީހުގެ އައު އިމާރާތް ހުޅުއްވައި ދެއްވައިފިއެވެ.

ރައީސް ސޯލިހް ކުޑަހުވަދޫ ފެނަކަ އާ އޮފީސް ހުޅުވައިދެއްވާފައިވަނީ އެމަނިކުފާނު މިހާރު ނިލަންދެއަތޮޅު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިންނެވެ.

ދ. ކުޑަހުވަދޫގައި މިއަދު ހުޅުއްވައިދެއްވި ފެނަކަ އައު އޮފީސް އިމާރާތަކީ އެތަނުގައި ހުރި 20 އަހަރު ކުރީގެ އޮފީސް އިމާރާތެއް ތަޅާލުމަށްފަހު އަޅާފައވާ އިމާރާތެކެވެ.

މި އޮފީހަކީ 40 މުވައްޒަފުންނަށް ދަތިނުވެ މަސައްކަތް ކުރެވޭނެހެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ޖާގަ ތަނަވަސް އޮފީސް އިމާރާތެކެވެ. ރައީސް އެކި ރަށްރަށަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން އަންނަނީ އެކި ރަށްރަށުގައި ގާއިމު ކޮށްފައިވާ ފެނަކަ އޮފީސް އިމާރަތްތަކާއި އިންޖީނުގެތައް ހުޅުވައިދެއްވަމުންނެވެ.

މީގެއިތުރުން އިއްޔެ ދ. މާއެނބޫދޫ ފުޓްސަލް ދަނޑުވެސް ރައީސް ސޯލިހް ވަނީ ހުޅުވައިދެއްވާފައެވެ.

މި ދަނޑަކީ އެރަށު ޒުވާނުން ބޭނުންވާގޮތަށް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފެންވަރު ރަނގަޅު ފުޓްސަލް ދަނޑެކެވެ. މި ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރިޔަށްގެންދަވާފައި ވަނީ އާރް. ޖޭ. އިންޓަރނޭޝަނަލް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.