ޝާހްރުކް ޚާނާ އެކީ ގެނެސްދިން ބޮލީވުޑްގެ ކާމިޔާބު ފްރެންޗައިޒް "ޑޮން" ގެ ތިން ވަނަ ބައި އިއުލާންކުރަން ތައްޔާރުވެއްޖެ އެވެ.
މިކަމާ ގުޅިގެން އެ ފިލްމު އުފައްދާ ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ ފިލްމު ކުންފުނި، އެކްސަލް އެންޓަޓައިންމަންޓުން މިއަދު "3" ހިމަނައި މޯޝަން ޕޯސްޓަރެއް އާންމުކޮށްފައިވެ އެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މިއީ "ޑޮން 3" ކަމަށާއި މި ފަހަދު ޝާކްރުކްގެ ބަދަލުގައި ޑޮންގެ ކުޅޭނީ ޒުވާން އެކްޓަރު ރަންވީރު ސިންގް ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ހަފުތާ ނިމުމުގެ ކުރިން ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ އެވެ.
ފަރުހާން ޑައިރެކްޓްކޮށް "ޑޮން" 2006 ގައި ގެނެސްދިނުމަށް ފަހު. "ޑޮން 2" ރިލީޒްކުރީ 2011 ގަ އެވެ. މި ދެ ފިލްމުގެ ވެސް ބަތަލާ އަކީ ޕްރިޔަންކާ ޗޯޕްޅާ އެވެ. ޝާހްރުކާ އެކީ ގެނެސްދިން "ޑޮން" އަކީ ކުރީގެ ވަރިގަދަ ސްކްރީން ރައިޓަރުން ކަމަށްވާ ފަރުހާންގެ ބައްޕަ ޖާވިދު އަޚްތަރާއި ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާންގެ ސްކްރީންޕްލޭއަކަށް އަމީތާބް ބައްޗަނާ އެކީ ޑައިރެކްޓަރު ޗަންދުރާ ބެރޮޓް 1978 ގައި ގެނެސްދިން ފިލްމުގެ ރިމޭކެކެވެ.
ފަރުހާން "ޑޮން 3" އަށް މި ތައްޔާރު ވަނީ އޭނަ 2021 ގައި އިއުލާންކުރި ފިލްމު "ޖީ ލޭ ޒަރާ" ގެ ޝޫޓިން އެކި ސަބަބުތަކާ ހެދި ނުފެށި ލަސްވަމުން ދިއުމާ ގުޅިގެންނެވެ. އަންހެން ތިން އެކުވެރިއެއްގެ މި ރޯޑް ޓްރިޕްގެ ކާސްޓުންނަކީ ޕްރިޔަންކާ އާއި އާލިއާ ބަޓްގެ އިތުރުން ކެޓްރީނާ ކައިފެވެ. އެކަމަކު ދާދި ފަހުން ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޕްރިޔަންކާ އާއި ކެޓްރީނާ ވަނީ ފިލްމު ދޫކޮށްލައިފަ އެވެ. އެކަމަކު އެކަން ފަރުހާން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.
ރަންވީރު ޑޮންގެ ރޯލަށް ގެންނަން ނިންމާފައިވާ އިރު، ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާގެ އެންމެ ފަހުގެ ފިލްމަކީ ޑައިރެކްޓަރު ޖޯހަރް މިދިޔަ މަހު ސިނަމާތަކަށް ގެނެސް ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ.
ރަންވީރު މީގެ ކުރިން ވެސް އެކްސަލްގެ ފިލްމުތަކެއް ކުޅެފައިވެ އެވެ. އެއީ 2019 ގެ "ގަލީ ބޯއި" އާއި 2015 ގެ "ދިލް ދަޅަކް ނޭ ދޯ" އެވެ.