Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

އުމަރާއި ފާރިސްގެ ކެންޑިޑަސީ ބަލައިގެންފި

އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ކެންޑިޑަސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފިއެވެ.

އީސީގެ ނައިބު ރައިސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި، އަމިއްލަގޮތުން ވާދަކުރެއްވުމަށް އިއްޔެ ކުރިމަތި ލެއްވި، އުމަރު ނަސީރު އަދި އަހުމަދު ފާރިސް މައުމޫންގެ ފޯމުގައިވާ މައުލޫމާތާއި ތަކެތި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކޮށްފައިވާ ކަމަށެވެ. އަދި ޤާނޫނުގައިވާ ގޮތުގެ މަތީން އުމަރު ނަސީރު އާއި، އަހުމަދު ފާރިސް މައުމޫން ރިޔާސީ އިންތިހާބަށް ޝަރުތު ހަމަވާ ބޭފުޅުން ކަމުގައި ބަލައި، ދެ ބޭފުޅުން ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން މިއަދު ޤަބޫލު ކޮށްފައިވާ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ނަމަ 1500 މީހުންގެ ސޮއި ބޭނުންވެއެވެ.

ފާރިސް ފޯމް ހުށަހަޅުއްވާފައިވަނީ 2662 ތާއީދު ސޮޔާ އެކުއެވެ. ފާރިސް މައުމޫންގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ ޑރ. އަބްދުއްސައްތާރު ޔޫސުފްއެވެ. ޑރ. އަބްދުއްސައްތާރަކީ ސިއްހީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

އުމަރުގެ ކެންޑިޑަސީ ހުށަހެޅުއްވީ 2000 އަށްވުރެއް ގިނަ މީހުންގެ ތާއީދު ސޮޔާއެކުއެވެ. އުމަރުގެ ރަނިންމޭޓަކަށް ކަނޑައަޅުއްވާފައިވަނީ މާޒް ސަލީމެވެ.