Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ޔާމީންގެ މައްސަލަ ލަސްވާތީ އިދިކޮޅުން ހައިކޯޓަށް

އިދިކޮޅުން ހައިކޯޓުގައި-

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު މައްސަލަ ލަސްވާތީ އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕް ހައިކޯޓަށް ގޮސްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެ މައްސަލަ އޮތީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ހައިކޯޓުގެ މައްސަލަ ދިގުދަންމާތީ އިދިކޮޅުން މިއަދު ހައިކޯޓަށް ގޮސްފައިވާއިރު، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ދިވެހި ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީނުގެ އިންތިޚާބީ ހައްޤުތައް ޤާނޫނުއަސާސީއާ ހިލާފަށް ސަރުކާރުން ނިގުޅައިގަނެ އެމަނިކުފާނުގެ އިސްތިއުނާފު އަޑުއެހުންތައްވެސް ކުރިޔަށް ނުގެންދާތީ އެކަމާކަންބޮޑުވުން ފާޅުކުރުމަށް ހައިކޯޓުގައި ތިބިކަމަށެވެ.

އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތަކެއް ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވެއެވެ. އެހެންނަމަވެސް އީދު ބަންދަށް ފަހު އެ މައްސަލައިގައި ބޭއްވުނީ އެންމެ އަޑުއެހުމެކެވެ. އަދި އޭގެ ފަހުން ފަނޑިޔާރު ޗުއްޓީއަށް ވަޑައިގަތުމުން އަޑުއެހުމެއް ބޭއްވިފައެއްނުވެއެވެ.

ރައިސް ޔާމީންގެ އިސްތިއުނާފު އަޑުއެހުން ނުބާއްވާ ހައިކޯޓުގައި މައްސަލަ ދިގުދަންމާތީ އިދިކޮޅުން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.