Last Updated: July 25, 05:53
Saturday, July 25, 2026
މުނިފޫހިފިލުވުން

އަނަންޔާގެ "ކޯލް މީ ބައޭ" އަހަރުގެ ފަހުކޮޅު

ބޮލީވުޑްގެ ބަތަލާ އަނަންޔާ ޕާންޑޭގެ ފުރަތަމަ ވެބް ސީރީޒް "ކޯލް މީ ބައޭ" ގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެމެޒޯން ޕްރައިމް ވީޑިއޯ އަށް ހަދާ މި ސީރީޒަކީ އަނަންޔާ ބޮލީވުޑަށް ނެރުނު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ވެބް ކޮންޓެންޓް ގޮފި، ދަރުމަޓިކް އެންޓަޓައިންމަންޓުން ހަދާ އެއްޗެކެވެ.

ގްލެމާ ދުނިޔޭގެ ކަންތައްތަކެއް ފެންނާނެ "ކޯލް މީ ބައޭ" އަކީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ކަރަންގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ސްކްރީންޕްލޭގައި ހިއްސާވެ، އޭގެ ޑައިލޮގްތައް ލިޔުނު އިޝިތާ މޮއިތުރާގެ ސްކްރީންޕްލޭއަކަށް ހަދާ އެއްޗެކެވެ.

އަނަންޔާއާ އެކީ މީގެ ކާސްޓުން ގުރްފަތޭ ޕިރްޒާދާ އާއި ވީރް ވެސް ދާން ވެސް ފެންނާނެ އެވެ. "ކޯލް މީ ބައޭ" ގައި އަނަންޔާ ކުޅެނީ ފެޝަން ބިލިއަނަރެއްގެ ރޯލެވެ. މި އަހަރުގެ ފަހުކޮޅު ބެލުންތެރިންނަށް ދޫކޮށްލާނެ ކަމަށް ބެލެވޭ ސީރީޒްގެ ޑައިރެކްޓަރަކީ ދަރުމާގެ ހުއްޓިފައި އޮތް ފިލްމު "ދޯސްތާނާ 2" ގެ ޑައިރެކްޓަރު ކޮލިން ޑި ކަންހާ އެވެ.

އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިފުޅު އަނަންޔާ، 24، ބޮލީވުޑަށް ނުކުތީ ދަރުމާގެ 2019 ގެ ފިލްމު "ސްޓޫޑެންޓް އޮފް ދި އިޔާ 2" އިންނެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ އެ ސްޓޫޑިއޯގެ މިދިޔަ އަހަރުގެ "ލައިގާ" އެވެ.

ކުރިއަރަމުން އަންނަ ބަތަލާ ދެން އެންމެ އަވަހަށް ފެންނާނީ މި މަހުގެ 25 ގައި ރިލީޒްކުރާ އަޔޫޝްމަން ކްރާނާގެ "ޑްރީމް ގާލް 2" އިންނެވެ.