ރާއްޖޭގެ 7 ޞަރަހައްދުގައި ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީކުރުމަށް ނުވަތަ ތަރައްޤީ ފައިނޭންސް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ނުވަތަ ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
ކްރޮސް ސަބްސިޑީ އުސޫލުން ހުޅުވާލި މި ފުރުސަތުގައި 7 އަތޮޅެއްގެ 7 ރަށެއްގައި އެއާޕޯޓް ތަރައްޤީ ކުރުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން މި އެއާޕޯޓުތައް ތަރައްޤީ ކުރުމަށް 29 މިލިއަން ޑޮލަރާއި 40 މިލިއަން ޑޮލަރާއި ދެމެދުގެ އަގެއް ހޭދަވާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. ޑޮމެސްޓިކް 7 އެއާޕޯޓް ތަރައްޤީ ކުރަން ރާވާފައިވަނީ ތިރީގައިވާ ރައްތަކުގައެވެ.
މިގޮތުން ޕްލޭނިންގް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާގޮތުން ޝައުގުވެރިކަށް ފާޅުކުރުމުގައި، ހދ.މަކުނުދޫ، ށ.ބިލެތްފަހި، ބ.ތުޅާދޫ، ތ.ވިލުފުށި، ފ.މަގޫދޫ އަދި ރ.އަތޮޅު ދެކުނު ބިތުގެ އެއަރޕޯޓް ފައިނޭންސްކުރުމަށް އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ 3 މިލިއަން އެމެރިކާ ޑޮލަރު ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ވ. ފޮއްތެޔޮފަޅު އެއަރޕޯޓް ފައިނޭސް ކުރުމަށް އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ 5 މިލިއަން އެމެރިކާ ޑޮލަރު ކަމަށް ވަނީ ބުނެފައެވެ.

މި އުސޫލުގެ ދަށުން އެއަރޕޯޓް ތަރައްޤީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓް އަދަދު، އެ މަޝްރޫޢެއްގެ މުޤާބިލުގައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކްއިޒިޝަން ކޮސްޓު އަދި އެތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައި ކަނޑައިދެވޭނޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ސަރުކާރުން މީގެ ކުރިންވެސް މި އުސޫލުގެ ދަށުން ޑޮމެސްޓިކް އެއާޕޯޓުތައް ތަރައްޤީ ކުރުމަށް ވަނީ ހުޅުވާލާފައެވެ. މި ސަރުކާރު ވެރިކަމަށް އައިއިރު، 20 މިނެޓު ތެރޭ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން އެއާޕޯޓާއި ހަމައަށް ދެވޭނެ ގޮތް ހެދުމަށް ވަނީ ވަޢުދުވެފައެވެ. އަދި ރައްޔިތުން ރަށު ބަންދުން ސަލާމަތްކޮށް މުޅި ރާއްޖެ ގުޅާލާ ދަތުރު ފަތުރުގެ ނިޒާމެއް ތަރައްޤީ ކުރުމަށް މި ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
މިހާރު ރިޔާސީ އިންތިހާބުގައި ކެމްޕެއިން ކުރައްވަމުންދާ ރައީސް ސާލިހު ވަނީ ރައްތަކާށް ޒިޔާރަތްކޮށް ބައެއް ރައްތަކުގައި އެއާޕޯޓެއް ތަރައްޤީ ކޮށްދޭނެ ކަމުގެ ވަޢުދުވެސް ވެވަޑައިގެންފައެވެ.