އާބަންކޯގެ ޚިދުމަތް ހުރިހާ އުމުރެއްގެ އެންމެންނަށްވެސް ލިބޭނެހެން، ކައުންޓަރ ޙިދުމަތް ދިނުމަށް "އަރބަން ސެންޓަރ" އާބަންކޯއިން ހުޅުވައިފިއެވެ.
ހުޅުމާލެ ސެންޓްރޯ މޯލްގައި އާބަންސެންޓަރ މިއަދު ހުޅުވައިދެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު އާތިފްއެވެ. އަރބަން ސެންޓަރަކީ އަރބަންކޯގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަގޮތަކަށް އެއްތަނަކުން ފޯރުކޮށް ދިނުމުގެ ބޭނުމުގައި ހުޅުވިގެންދާ ސެންޓަރެއް ކަމަށް އާބަންކޯއިން ބުނެއެވެ.
މިއީ ކުންފުނި އިތުރަށް ކުރިއަރާ ފުޅާވަމުން ދާވަރަކަށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވިގެންދާ ވަރަށް ބޮޑު މަސައްކަތެއް ކަމަށް އެކުންފުނިން ފާހަގަ ކުރެއެވެ.
އަރބަން ސެންޓަރ ހުޅުވުމުގެ ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން، ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު އާތިފް ވިދާޅުވީ، އާބަންކޯ ރީބްރޭންޑްވެ ގިނަ މަސައްކަތްތަކެއް ކުރެވެމުން އައި ކަމަށެވެ. އަދި މީގެ ކުރިން ކުރެވުނު ކަންކަމުގައި ވަރަށް ބޮޑަށް ފާހަގަ ކުރެއްވިފައި އޮތީ، ކަސްޓަމަރުންނަށް ގާތުން ޙިދުމަތް ދިނުމަށް، ރަނގަޅު މެކޭނިޒަމެއް ނެތްކަން ކަމަށް ވިދާޅުވިއެވެ.
" އަޅުގަނޑުމެން ކުރަމުން އައި މަސައްކަތުގައި ފާހަގަ ކުރެވުނު، ކަސްޓަމަރުންނާއި ޓެނެންޓުނާއި އެހުރި ކުއަރީސްތަކަށް ނުވަތަ ޝަކުވާތަކަށް ތަންކޮޅެއް ގާތުން ޚިދުމަތް ދިނުމަށް އެ އެކަށީގެންވާ މެކޭނިޒަމްއެއް ނެތުން. އަޅުގަނޑުމެން އެކަމަށް ހާއްސަ އިސްކަމެއް ދީގެން އާރބަން ސެންޓަރގެ ނަމުގައި މިއަދު މިވަނީ ތަނެއް ހެދިފަ " އާތިފް ވިދާޅުވިއެވެ.
އާބަންކޯގެ މައި ހުޅުމާލެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޙިދުމަތްތައް ބޭނުންކުރުމަށް އުނދަގޫވާ ބޭފުޅުންނަށް އާރބަން ސެންޓަރއަށް ވަޑައިގެން އާބަންކޯގެ މުވައްޒަފުން އެފަރާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި މީގެއިތުރުން، އާބަންކޯގެ ކަސްޓަމަރުންނަށް އެންމެ ގާތުން ޚިދުމަތް ފޯރުކޮށްދޭ މުވައްޒަފުންނަށް މަސައްކަތް ކުރުމަށް ރަނގަޅު ޖާގަ ތަނަވަސް މާޙައުލެއްވެސް މިވަނީ މިތަނުގެ ސަބަބުން ޤާއިމްކޮށްދެވިފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.
މި ފާއިތުވެދިޔަ 5 މަސް ތެރޭގައި އަރބަންކޯއިން ވަނީ 52،497 ފޯނުކޯލަށް ޖަވާބު ދީފައެވެ. އަދި 4769 މައްސަލަތައް ހުށަހަލާފައިވާއިރު އޭގެ 78% މައްސަލަ ވަނީ ހައްލުކުރެވިފައެވެ.
އަރބަން ސެންޓަރަކީ އާބަންކޯގެ ހުރިހާ ކަސްޓަމަރުންނަށް އަ ހިދުމަތްތައް އެއްތަނަކުން ފަސޭހަގޮތަކަށް ލިބޭނެ ގޮތް ހެދުމަށް ފަރުމާކުރެވިފައިވާ ސެންޓަރެކެވެ. އަދި މީގެ ދެވަނަ ތަނެއް ވިނަރެސް ފްލެޓުގެ ތިރީ ބައިގައި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭ ހުޅުވާ ޚިދުމަތް ދޭން ފަށާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.