Last Updated: July 18, 17:09
Saturday, July 18, 2026
މުނިފޫހިފިލުވުން

ޕާކިސްތާންގައި "ބާބީ" މަނާކޮށްފި

އާމްދަނީގެ ގޮތުގައި މިހާތަނަށް ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު ހޯދާފައިވާ ހޮލީވުޑްގެ ފިލްމު "ބާބީ" ޕާކިސްތާނުގައި ދެއްކުން މަނާކޮށްފި އެވެ.

މިއާ އެކީ އެ ގައުމުވެފައި ވަނީ ވިއެޓްނާމްގެ ފަހަތުން މި ފިލްމު މަނާކުރި ދެވަނަ ގައުމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން ފިލިޕީންސުން ވެސް ވަނީ "ބާބީ" މަނާކުރަން ނިންމައިފަ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މުސްލިމު އާބާދީއެއް އޮންނަ ޕާކިސްތާނުން ފިލްމު މަނާކުރަން ނިންމީ އެ ފިލްމަކީ އިސްލާމީ މިންގަނޑުތަކަށް ނުފެތޭ އަދި އިޖުތިމާއީ އާންމު އުސޫލުތަކާ ވެސް ހިލާފު ކަންތައްތަކެއް ދައްކުވައިދޭ ފިލްމަކަށްވާތީ އެވެ.

ކުޅޭ ސާމާނު އުފައްދާ އެމެރިކާ ކުންފުނި، މެޓެލް އިން ކުޑަކުދިން ކުޅެން ގެންގުޅޭ ބުދެއްގެ ގޮތުގައި އުފައްދައިގެން މަޝްހޫރުވި ބާބީ އަށް ބިނާކޮށް ޑައިރެކްޓަރު ގްރެޓާ ގާވިގް ގެނެސްދިން "ބާބީ" ގެ ޓައިޓްލް ރޯލު ކުޅުނީ މާގޯ ރޮބީ އެވެ. މީގެ ކާސްޓްގައި ރަޔަން ގޯސްލިން، ކޭޓް މެނިކަން، އެމެރިކާ ފެރޭރާ، މައިކަލް ސޭރާ، ވިލް ފެރެލް، އިސާ ރައީ އަދި ރިއާ ޕާލްމަން ހިމެނެ އެވެ.

ޖުމްލަ 145 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ބާބީ" އަށް މިހާތަނަށް ބޮކްސް އޮފީހުގައި 1.034 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. މި ފިލްމު ސިނަމާތަކަށް ގެނައީ މިދިޔަ މަހުގެ 21 ގަ އެވެ.