ސަލްމާން ޚާންގެ ކާމިޔާބު ފިލްމެއް ކަމަށްވާ "ބޮޑީގާޑް" ގެ ޑައިރެކްޓަރު ސިއްދީގީ އިސްމާއީލް މަރުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ ނިއުމޯނިއާ ޖެހިގެން ކޮޗީގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް 63 އަހަރުގެ ޑައިރެކްޓަރު މަރުވީ ރޭގެ ވަގުތެއްގައި ކަމަށެވެ. ސިއްދީގީ އަށް ވަނީ މައިދާގެ ސިއްހީ ގިނަ މައްސަލަތެއް ކުރިމަތިވެފައި ކަމަށް ވެސް މީޑިއާތަކުން ބުނެފައިވެ އެވެ.
އޭނަގެ މަރާ ގުޅިގެން ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށްފައިވެ އެވެ.
ސަލްމާނާއި ކަރީނާ ކަޕޫރާ އެކީ 2011 ގައި ސިއްދީގީ ގެނެސްދިން "ބޮޑީގާޑް" އަކީ އޭނަ ޑައިރެކްޓްކުރި ހަމައެކަނި ހިންދީ ފިލްމެވެ. ސިއްދީ އަކީ އިންޑިއާގެ ދެކުނުގެ ޑައިރެކްޓަރެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ ސަލްމާންގެ ކޮއްކޮ އަރުބާޒް ޚާން ވެސް ރޯލެއް ކުޅުނު މަޝްހޫރު އެކްޓަރު މޯހަންލާލްގެ 2020 ގެ މަލަޔާޅަމް ފިލްމު "ބިގް ބްރަދާ" އެވެ.