Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

"ޑޮން 3" ގެ ބަތަލާއަކަށް ކިއާރާ؟

ރަންވީރު ސިންގް ޓައިޓްލް ރޯލު ކުޅޭ ގޮތަށް "ޑޮން 3" ރަސްމީކޮށް އިއުލާންކުރަން އޭގެ ޓީމުން ތައްޔާރުވަމުން އަންނަ އިރު، އެ ފިލްމުގެ ބަތަލާ އަކީ ކިއާރާ އަދުވާނީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ވާހަކައެއް ދެކެން ފެށީ ޑައިރެކްޓަރު ފަރުހާން އަޚްތަރު ފިލްމަށް ތައްޔާރުވަމުން އަންނަކަން އިއްޔެ ސޯޝަލް މީޑިއާ ޕޯސްޓްތަކެއްގައި ހިއްސާކޮށްފައި ވަނިކޮށް، ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީގެ އޮފީހުން ކިއާރާ އިއްޔެ ފެނުމާ ގުޅިގެންނެވެ. "ޑޮން" ފްރެންޗައިޒަކީ ފަރުހާއި ރިތޭޝްގެ ފިލްމު ކުންފުނި، އެކްސަލް އެންޓަޓައިންމަންޓްގެ އެއްޗެކެވެ. މީޑިއާތަކުން ބުނީ ރިތޭޝްގެ އޮފީހަށް ކިއާރާ ދިޔައީ "ޑޮން 3" އާ ބެހޭ ގޮތުން މަޝްވަރާކުރަން ކަމަށެވެ.

މީގެ ބަތަލާއަކަށް ކިއާރާ ގެންނަން އުޅޭ ކަމަށް މީޑިއާތަކުގައި މިހާރު ވާހަކަތައް ދެކެވެމުން އަންނަ އިރު، ބެލެވޭ ގޮތުން މި ހަފުތާ ނިމުމުގެެ ކުރިން ފިލްމު ރަސްމީކޮށް އިއުލާންކުރާނެ އެވެ. އެއާ އެކީ ކާސްޓާއި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް ވެސް އެނގިގެން ދާނެ އެވެ.

"ޑޮން 3" އަށް ރަންވީރު ގެންނަން އުޅޭ ވާހަކަ މި އަހަރު ފެށުނު ފަހުން އަންނަނީ ދެކެވެމުންނެވެ. އެހެންވެ ކުރީގެ ދެ ބައިގައި ޝާހްރުކް ޚާން ކުޅުނު ރޯލު ދެން ކުރިއަށް ގެންދާނީ ރަންވީރު ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. ދެހާސް ހައެއްގެ "ޑޮން" އާއި 2011 ގެ "ޑޮން 2" ގެ ބަތަލާ އަކީ ޕްރިޔަންކާ ޗޯޕްޅާ އެވެ.

ރަންވީރާ އެކީ "ޑޮން 3" އަށް ކިއާރާ ގެންނަ އިރު، މި ފިލްމު ވާނީ އެ ދެ ތަރިން އެކީގައި ކުޅޭނެ ފުރަތަމަ ފިލްމަށެވެ. އެކްޓަރު ސިދާތު މަލްއުތުރާގެ އަންހެނުން ކިއާރާ އަކީ މި ވަގުތު ބޮލީވުޑުން އެންމެ ގިނަ އޮފާތައް ލިބެމުން އަންނަ އެއް ބަތަލާ އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ ޖޫންގައި ރިލީޒްކުރި ކާތިކް އާރިއަންގެ "ސަތިއަޕްރޭމް ކީ ކަހާނީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ރޮބޮޓް" އާއި "އިންޑިއަން" އަދި "ނަޔަކު" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ޝަންކަރް، ރަންވީރާ އެކީ ހަދަން ނިންމާފައި އޮތް ފިލްމުގެ ބަތަލާ އަކީ ވެސް ކިއާރާ އެވެ. "އާރްއާރްއާރް" ގެ ބަތަލު ރާމް ޗަރަންއާ އެކީ ޝަންކަރު ގެނެސްދޭން ތައްޔާރުވަމުން އަންނަ "ގޭމްޗޭންޖާ" ގެ ބަތަލާ އަކީ ވެސް ކިއާރާ އެވެ.

ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާ ރަންވީރުގެ އެންމެ ފަހުގެ ފިލްމަކީ އިންޑިއާގެ ބޮކްސް އޮފީހުގައޮ މިހާރު ރަސްކަން ކުރަމުން އަންނަ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ.

ފަރުހާން "ޑޮން 3" އަށް ތައްޔާރުވާން މި ފެށީ އޭނަ 2021 ގައި އިއުލާންކުރި "ޖީ ލޭ ޒަރާ" ގެ މަސައްކަތް ނުފެށި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައި ވަނިކޮށެވެ. އަންހެން ތިން އެކުވެރިއެއްގެ މި ރޯޑް ޓްރިޕް ފިލްމުގެ ކާސްޓުންނަކީ ޕްރިޔަންކާ އާއި އާލިއާ ބަޓްގެ އިތުރުން ކެޓްރީނާ ކައިފެވެ. އެކަމަކު ދާދި ފަހުން ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޕްރިޔަންކާ އާއި ކެޓްރީނާ ވަނީ ފިލްމު ދޫކޮށްލައިފަ އެވެ. ނަމަވެސް އެކަން ފަރުހާން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.