Last Updated: July 18, 17:09
Saturday, July 18, 2026
ދުނިޔެ

ފަސް އަހަރަށް އިމްރާނަށް ސިޔާސީ ބޮޑު ފިއްތުމެއް

ކޮރަޕްޝަންގެ ކުށް ސާބިތުވެ މި ހަފުތާގައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވި ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު ފަސް އަހަރަށް ސިޔާސީ ދާއިރާ އިން އެކަހެރިކޮށްފި އެވެ.

އެ ގައުމުގެ އިލެކްޝަން ކޮމިޝަނުން އިއްޔެ ބުނެފައި ވަނީ ކުރިއަށް އޮތް ފަސް އަހަރަށް އިމްރާނަށް ސިޔާސީ އެއްވެސް މަގާމަކަށް ވާދަނުކުރެއްވޭނެ ކަމަށެވެ. މިއާ އެކީ އިމްރާނަށް މިހާރު ވަނީ ޕާކިސްތާންގައި ދެން އެންމެ އަވަހަށް ބާއްވާ އާންމު އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ވެސް ގެއްލިވަޑައިގެންފަ އެވެ.

ކުރީގެ ކްރިކެޓް ތަރި 2018 ގައި ބޮޑުވަޒީރު ކަމަށް ވަޑައިގެންފައި ވަނިކޮށް މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި މަގާމުން ދުރުކުރީ އިތުބާރު ނެތްކަމުގެ ވޯޓަކާ އެކީގަ އެވެ. އޭގެ ފަހުން އިމްރާންގެ މައްޗަށް އެތައް ދައުވާތަކެއް އުފުލާފައިވެ އެވެ. އިމްރާން، 70، ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އޭނަގެ މައްޗަށް ސަަރުކާރުން އުފުލަނީ ނުހައްގު ދައުވާތަކެއް ކަމަށާއި މިއީ ސިޔާސީ ގޮތުން ކުރާ ދައުވާތަކެއް ކަމަށެވެ.

ނަމަވެސް ޕާކިސްތާންގެ ސަރުކާރުން އެ ތުހުމަތުތަކަށް އިންކާރުކުރެ އެވެ.

އިމްރާނަށް އިއްވި ތިން އަހަރުގެ ޖަލު ހުކުމު އިސްތިއުނާފުކޮށްފައިވާތީ އޭގެ ފުރަތަމަ އަޑުއެހުން މިއަދަށް އިސްލާމްއާބާދު ހައި ކޯޓްގައި ތާވަލުކޮށްފައިވެ އެވެ.