Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

މުއިއްޒަކީ ރައިސް ސޯލިހްގެ "އެޖެންޓެއް"

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ "އެޖެންޓެއް" ކަމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ތުހުމަތު ކުރައްވައިފިއެވެ.

އާޒިމް ކުރެއްވި ޓްވީޓެއްގައި މުއިއްޒަކީ ރައީސް ސޯލިހުގެ އެޖެންޓެއް ގޮތުގައި ތުހުމަތު ކުރެއްވިއިރު، އާޒިމް ވިދާޅުވީ މުއިއްޒުއަށް އިންތިހާބުގައި ވާދަކުރެވޭގޮތަށް ކުށުގެ ރެކޯޑް ސާފުކޮށްދީ ކޯޓުގައި ހުރި މައްސަލަތައް ނެގީ ސަރުކާރުން ކަމަށެވެ. އަދި މުއިއްޒަށް ތުހުމަތު ކުރެވުނު ނޫމަޑި މައްސަލަ ނިންމީ ރައީސް ސޯލިހް ކޯޓުތަކަށް "އަތްބާނައިގެން" ކަމަށެވެ.

"ނޫމަޑި މައްސަލަ ރައީސުލްޖުމްހޫރިއްޔާ ކޯޓުތަކަށް އަތްބާނައިގެން ނިންމަދިނީ. ޕީޕީއެމް ގެ ސެނެޓް މުއިޒް ގަތީ އިބްރާހިމްގެ ފައިސާ ދީގެން." އަލީ އާޒިމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި މުއިއްޒު ނެރެފައިވާއިރު އިދިކޮޅު ލީޑާޝިޕުން ރޭ ވަނީ މުއިއްޒުއާއެކު ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ. އެގޮތުން އެ ބައްދަލުވުމުގައި އިދިކޮޅުން ބުނެފައިވަނީ މުއިއްޒު ނިކުންނާނީ ރައީސް ޔާމީންގެ މެނިފެސްޓޯއާއެކު ކަމަށާއި، މުއިއްޒުގެ ކެމްޕޭނަކީ ރައީސް ޔާމީން މިނިވަން ކުރުމަށް ކުރާ ކެމްޕޭނެއް ކަމަށެވެ.