ވެސަލް ލޮކޭޓަރ ޑިވައިސް މަސްވެރިކަމުގެ އުޅަނދުފަހަރުގައި ހަރު ނުކުރާނަމަ، މަސްވެރިކަމަށް ދޫކޮށްފައިވާ ލައިސެންސް އަންނަ އޮކްޓޫބަރ މަހުގެ 30 އިން ފެށިގެން ހިފަހައްޓާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިނިސްޓްރީގެ ލައިސަންސް ލިބިގެން ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްވެރިވަމުންދާ އުޅަނދުފަހަރު ވެސަލް މޮނިޓަރިންގ ސިސްޓަމް މެދުވެރިކޮށް ބެލުމުގެ ހަރަކާތްތައް ބެލުމުގެ މަސަކަތް 2020 ވަނަ އަހަރުން ފެށިގެން ފިޝަރީޒް މިނިސްޓްރީން ދަނީ ކުރަމުންނެވެ. ކަނޑު މަހުގެ މަސްވެރިކަމުގެ އާންމު ޤަވާއިދުގެ ދަށުން މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން ދިގުމިނުގައި 18 މީޓަރު (59 ފޫޓު) ހަމަވާ ހުރިހާ އުޅަނދުތަކުގައި މިނިސްޓްރީއިން ކަނޑައަޅައިފައިވާ ގޮތުގެ މަތިން ވެސަލް ލޮކޭޓިންގ ޑިވައިސް (ވީ.އެލް.ޑީ) ހަރުކުރުމަކީ ކަނޑުމަހުގެ މަސްވެރިކަން ކުރުމަށް ދޫކުރެވިފައިވާ މަސްވެރިކަމުގެ ލައިސަންސްގެ ޝަރުތެކެވެ.
މި ޑިވައިސްތައް އުޅަނދުތަކުގައި ހަރުކުރުމުގެ މަޤްސަދަކީ ދޮށީގެ މަސްވެރިކަމާއި ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރާއި އެއުޅަނދުފަހަރުގައި ހަރަކާތްތެރިވާ ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށްދިނުން ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މީގެ އިތުރުން ބައިނަލްއަޤްވާމީ ގޮތުން ދިވެހިރާއްޖޭގެ މައްޗަށް ލާޒިމުވާ ވެސަލް ޓްރެކިންގ ނިޒާމެއްގެ ތެރެއިން މަސްވެރިކަމުގެ ހަރަކާތްތައް މޮނިޓަރކޮށް ބެލެހެއްޓުން ހަރުދަނާކުުރުން ވެސް މިނިސްޓްރީން ފާހަގަ ކުރެއެވެ.
މިއާއެކު އޮކްޓޫބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ޤަވާއިދުގެ ދަށުން ޑިވައިސް ހަރުކުރަން ޖެހޭ އެއްވެސް އުޅަނދެއްގައި ހަރުނުކުރާ ނަމަ، ލައިސެންސް ހިފަހައްޓާނެ ކަމަށް މިނިސްޓްރީން ވަނީ އަނގާފައެވެ. އަދި ލައިސެންސް ސަސްޕެންޝަނުން ނެގޭނީ ޑިވައިސް ހަރުކޮށްގެން ކަމަށް މިނިސްޓްރީން ފާހަގަ ކުރެއެވެ.
މިހާތަނަށް ވީ.އެލް.ޑީ ހަރުކޮށްފައިނުވާ އުޅަނދުތަކުންނާއި ވީ.އެލް.ޑީ އެކްޓިވޭޓްކޮށްފައިވާ ނުވާ އުޅަނދުފަހަރުން އުރީދޫގެ ހޮޓްލައިން 221 (ދިރާގު ނަންބަރުތަކުން 9613221) އަށް ގުޅުއްވާ ވީ.އެލް.ޑީ ހަރުކުރުމުގެ ކަންކަން ވީ އެންމެ އަވަހަކަށް ނިންމުމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި އެއްވެސް ސަބަބަކާއި ހުރެ އުޅަނދުގެ ޓްރެކް މިހާރު ފެންނަމުންނުދާ އުޅަނދުފަހަރު އުރީދޫގެ ހޮޓްލައިންއަށް ގުޅައި އެމައްސަލަތަކަށް ހައްލު ހޯދުމަށްވެސް މިނިސްޓްރީން ވަނީ އަންގާފައެވެ.