Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

މިފްކޯގެ ހިއްސާ ރައްޔިތުންނަށް ހިއްސާ ވިއްކާނަން

މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށްފަހު ރައްޔިތުންނަށް އެ ކުންފުނީގެ ހިއްސާ ރައްޔިތުންނަށް ވިއްކާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ގދ. ފަރެސްމާތޮޑާގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ފަރެސްމާތޮޑާއަކީ މަސްވެރިކަމަށް ރާއްޖޭގައި އެންމެ ކުރިއަރާފައި އޮތް އެއް ރަށް ކަމަށެވެ. މަސްވެރިންގެ ޝަކުވާތައް އަދިވެސް އެބަހުރި ކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތާމެދު އިހުމާލުވެފައި އޮތްއޮތުންމުގެ ސަބަބުން އެއްފަހަރާ މައްސަލަތައް ހައްލުކުރުމަށް ދަތިވާވަރަށް މަސްވެރިކަމުގެ ސިނާއަތުގައި މައްސަލަތައް އެބަހުރި ކަމަށެވެ.

ފެލިވަރުގެ މަސްފެކްޓަރީ ހުރީ މީގެ 40 އަހަރުކުރިން ބިނާކުރި ގޮތަށް ކަމަށާއި، އެތަކުގެ ކެޕޭސިޓިއަށްވެސް އެއްވެސް ސަރުކާރަކުން ބަދަލެއް ގެނެސްފައިނުވާ ކަން ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ. ކޫއްޑޫ މަސްފެކްޓަރީއަށްވެސް ބަދަލެއްނައިސް އޮތްކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރަށް ޖެހުނީ އިންގިލާބީ ބޮޑު ބަދަލެއް މަސްވެރިކަމުގެ ސިނާއަތަށް ގެންނަން ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސްގަންނަ އަގު ބޮޑުކުރިނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ހުރިކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވިގޮތަށް 38 މިލިއަން ރުފިޔާ މަސްވެރިންނަށް ދޭންޖެހުނު ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ މަސްވެރިކަމުގެ މުޅި ސިނާއަތަށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމަށާއި، އެގޮތުން މަސްވެރިން ބާނާ މަސް ތާޒާކަމާއެކު ސަރުކާރުން ގަނެވޭނެ ގޮތް ހަދަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ، ބޭނުންވާ ކެޕޭސިޓީ މިފްކޯއަށް އިތުރުކޮށް އެއީ ފައިދާވާ ކުންފުންޏަކަށް ހެދުމަށްފަހު އޭގެ ހިއްސާ ރައްޔިތުންނަށް ވިއްކުން. އިރާދަކުރެއްވިއްޔާ އެ ޕްލޭނާއެކީގައި އަޅުގަނޑުމެން މި ކުރިއަށް ގެންދަނީ." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ މިސަރުކާރުން ކޫއްޑޫގެ ކެެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ފަށާފައިވާކަމަށާއި ފެލިވަރުގެ ފެކްޓަރީއަށް ބަދަލު ގެނައުމުގެ. މަސައްކަތްވެސް ފަށާފައިވާ ކަމަށާއި އަދި އައްޑޫގައި ހުރި ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ. އަދި މިސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތައް ނިމުމުން މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ. ދިގު ޕްލޭނަކާއެކު މަސައްކަތް ކޮށްގެން މެނުވީ މިކަންކަމަށް ހައްލު ނުގެނޭވެނެ ކަމަށްވެސް ވިދާޅުވިއެވެ.