Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

"ހުދާ ހީފަމް" ނަމުގައި ފޮރެކްސް ސްކޭމެއް!

މީސް މީޑިއާގައި "ހުދާ ހީފަމް" ނަމުގައި އެކައުންޓުތަކެއް ހަދައިގެން ހިންގާ ބޮޑު ސްކޭމެއް ފުލުހުންގެ ސަމާލުކަމަށް އައިސް، ސްކޭމަށް ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިލްތިމާސްކޮށްފިއެވެ.

މީސް މީޑިއާގައި "ހުދާ ހީފަމް" އަދި އެހެންވެސް ނަންތައް ބޭނުންކޮށްގެން ފޮރެކްސް ޓްރޭޑްކޮށްދޭނެ ކަމަށް ބުނެ އިންވެސްޓް ކުރުމަށް އެދި ސްކޭމެއް ހިންގާތާ ދުވަސްތަކެއް ވެއްޖެއެވެ. އަސްލު މީހުންގެ ފޮޓޯ ބޭނުންކޮށްގެން ފޭކް އައިޑީތަކުން ހިންގާ މި ސްކޭމުގައި، ބައެއް ފަރާތްތަކުން މިހާތަނަށް ޖެހިފައިވާ ކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި ސްކޭމް ހިންގާ ގޮތް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެގޮތުން އާންމުކޮށް ހަދާގޮތަކީ، އަސްލު މީހެއްގެ ފޮޓޯ ޕްރޮފައިލްގައި ބޭނުން ކުރަނީއެވެ. މިއީ ސްކޭމް ކުރާ ފަރާތަކީ އަސްލުވެސް އެމީހާ ކަމަށް ދެއްކުމަށްޓަކައެވެ. ގިނަ ފަހަރަށް ޕްރޮފައިލްގައި ފޮޓޯ ބޭނުން ކުރާ ފަރާތައް އެމީހެއްގެ ފޮޓޯ ބޭނުންކޮށް ސްކޭމެއް ހިންގާކަން ވެސް ނޭނގެއެވެ. ސްކޭމްގެ އެކައުންޓުތައް އާންމުކޮށް ހިންގަނީ އިންސްޓަގްރާމް އަދި ފޭސްބުކްގައެވެ.


ސްކޭމްގައި މީހުންނަށް މެސެޖުކޮށް ފޮރެކްސް ޓްރޭޑިންގް އެކައުންޓް މެނޭޖަރެއް ކަމަށް ނުވަތަ އެފަދަ ކަންކަން ކުރާ މީހެއް ކަމަށް ދައުވާ ކުރެއެވެ. އަދި ކުޑަ އެއްޗެއް އިންވެސްޓްކޮށްގެން ބޮޑު ފައިދާއެއް ނެރެވޭ ކަމަށް ބުނެއެވެ. މިކަމުގެ ހެކީގެ ގޮތުގައި ދައްކަނީ، ފޭކް ސްލިޕްތަކާއި ފޭކް ޗެޓްތަކެކެވެ. އަދި މީހުން އޭނާއާއި މެދު ދައްކާފައި ހުންނަ ރަނގަޅު ވާހަކަތައް ވެސް ދައްކައި އޮޅުވާލަން މަސައްކަތް ކުރެއެވެ.

މީގެ ސަބަބުން އެމީހާގެ ބަހަށް ހެއްލި ބައެއް ފަރާތްތަކުން ލާރި އެކައުންޓުތަކަށް ޖަމަޢާކޮށްލައެވެ. އޭގެ ފަހުން އޭނާގެ ހަބަރެއް ނުވެ އެ ލާރި އެމީހަކަށް ގެއްލިގެން ދެއެވެ.

ފުލުހުންވަނީ މިފަދަ ސްކޭމެއްގެ ޝިކާރައަކަށް ވެފައިވާ ފަރާތެއް ނަމަ އަވަހަށް ފުލުހުންނަށް ރިޕޯޓް ކުރުމަށް އެދިފައެވެ. އަދި ވީހާވެސް ގިނަ ފަރާތްތަކުން ސްކޭމްތަކަށް ހޭލުންތެރިވެ ނޭނގޭ ފާރަތްތަކަށް ފައިސާ ނުފޮނުވުމަށް ފުލުހުން އެދެއެވެ.