Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އާބާދީ އިތުރުނުކޮށްފި ނަމަ ޤައުމީ ސިފަ ގެއްލިދާނެ

ހުޅުމާލެ ޕްރޮސްތެޓިކް ލެބް ހުޅުވުމުގެ ރަސްމީއްޔާތުގައި ނައިބު ރައީސް ފައިސަލް ވާހަކަ ދައްކަވަނީ /ފޮޓޯ: ރައީސް އޮފީސް

އާބާދީ އިތުރުނުކޮށްފި ނަމަ ޤައުމީ ބޭރުގެ ފަރާތްތަކަށް ކޮންމެ ކަމަކަށް ބުރަވެ، ޤައުމީ ސިފަ ރީތިކޮށް ނުބޭއްވޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުގައި މަސްނުވީ ފަޔާއި އަތާއި އުފައްދާ ވޯކްޝޮޕް ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވުމުގެ ރަސްމީއްޔާގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމީއްޔާތުގައި ސިއްޙީ ދައިރާ ކުރިއެރުވުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތް ފާހަގަކޮށް، އެކަމަށް ވަނީ އަލިއަޅުފާފައެވެ. އަދި އެކަންކަމުގައި އެހީތެރިވެދެއްވި ފަރާތްތަކަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އާބާދީ އަކީ މުހިންމު އެއްޗެއް ކަމަށެވެ. އެގޮތުން ކޮންމެ ޚިދުމަތެއް ދިނުމުގައިވެސް ރަނގަޅު އާބާދީއެއް ނެތި އެއްވެސް ކަމެއް ނުކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ކަމުން ވިސްނުން ބަދަލުކޮށް ކުރިއަށް އޮތް ދުވަސްތަކުގައި އާބާދީ ބޮޑު ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

" ބާތް ރޭޓް ކޮންޓްރޯލްކޮށްގެން ގޮސް، ކުޑަކުޑަ ޕޮޕިއުލޭޝަނަކަށް ވެފައި ކޮންމެ ކަމެއް ކުރަން އަޅުގަނޑުމެން ބޭރުގެ ފަރާތްތަކަށް ޑިޕެންޑްވެގެން އައީމަ ޤައުމީ ސިފަ އަޅުގަނޑުމެންނަށް ރީތިކޮށް ނުބޭއްވޭ. ހާއްސަކޮށް އަޅުގަނޑުމެން ކަހަލަ އެކުވެރި ޤައުމެއް. އިސްލާމީ ސައްތައިން ސައްތަ މުސްލިމް ޤައުމެއް، ވާހަކަ ދައްކާ އެއް ނަސްލެއްގެ އެއްވަތަރަކަށް ތިބޭ ބައެއް އަނެއްކާ " ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ފައިސަލް ވިދާޅުވި ގޮތުގައި ދައިރާ ފުޅާވެގެން އައީމަ، އުތުރާއި ދެކުނުން ހާއްސަކޮށް މާބަނޑު މީހުންނަށް ދެވޭ ޙިދުމަތްތައް ރަނގަޅު ކުރަން އެބަޖެހެއެވެ. އެހެންކަމުން ކުޅުއްދުއްފުއްޓާއި އައްޑޫ ފަދަ ތަންތަނުގައި ޚިދުމަތްތައް ވަރަށް ބޮޑަށް ރަނގަޅުވާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް ދެއްވާ އެއްބާރުލުން ފާހަގަކުރައްވާ މިއަދު ހުޅުއްވައިދެއްވި ލެބު ތަރައްޤީކުރުމުގައި އިންޑިއާ ސަރުކާރުން ވެދެއްވި ދީލަތިއެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ޞިއްޙީދާއިރާގެ ޚިދުމަތްތަކާއި އެހެނިހެން މުހިންމު ޚިދުމަތްތައްތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.