ރާއްޖޭގައި 10،000 ޓަނަށްވުރެ ގިނައިން މަސް ރައްކާކުރެވޭނެ ގޮތް ހަދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ގއ. ދެއްވަދޫގައި މިއަދު ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިއޮތް ހުރިހާ ޒަމާނެއްގައި ރާއްޖެއިން ބާނާ މަހުގެ ބޮޑުބައި ވިއްކަމުން ގެންދިޔައީ ރޯމަހުގެ ގޮތުގައި ކަމަށާއި އަދި އޭގެ އަގު ކަނޑައަޅަނީ ތައިލެންޑުގައި ހުންނަ ކޮންމެވެސް މީހެއް ކަމަށެވެ. މިއީ މިކަން އޮންނަންޖެހޭނެ ގޮތެއް ނޫން ކަމަށާއި ރާއްޖޭގެ މަހުގެ އަގު ކަނޑައަޅަންޖެހޭނީ ދިވެހިން ކަމަށާއި އެކަން ކުރެވޭނީ ބާނާ މަސް ރައްކާ ކުރެވިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މި މަސައްކަތް ނިމޭއިރުގައި 10،000 ޓަނަށް ވުރެ ގިނައިން މަސް ރައްކާ ކުރެވޭ ގުދަންތައް ހުންނާނެ. އޭރުން ބޭރުގެ މާކެޓުތަކަށް މަސް ވިއްކާނެ އަގު ކަނޑައެޅޭނެ،" ރައީސް ވިދާޅުވި އެވެ.
ރާއްޖެއިން ވިއްކާ މަހުގެ ރަނގަޅު އަގު ހޯދުމަށް އިނގިރޭސި ވިލާތާއި ޔޫރަޕިއަން ޔުނިއަންއާއެކު މިހާރު މަޝްވަރާތައް ކުރަމުންދާ ކަމަށާއި އެ މަސައްކަތް ވެސް މިހާރު ވަނީ ނިމުމަކާ ހިސާބުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ކުރެވޭ މަޝްވަރާތަކާއި އެކީގައި ވެވޭ އެއްބަސްވުމުގެ ދަށުން ރާއްޖެއިން ބޭރު ކުރާ މަހަށް މަސްވެރިން ބޭނުންވާ ބޮޑު އަގު ލަސްތަކެއް ނުވެ ލިބިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.
މިކަމުގެ ވަގުތީ ހައްލެއްގެ ގޮތުގައި ފަސޭހައިން މަސްވެރިންނަށް އައިސް ލިބޭނެ ގޮތް ހެދުމާއި ހުރިހާ މަހެއް ކިރޭނެ ގޮތް ހެދުމާއި ބާނާ މަހަށް ފަސޭހައިން ފައިސާ ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.