Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މިދިޔަ މަހުގެ ޓޫރިސްޓުންގެ އަދަދު 9 ޕަސެންޓް އިތުރު

ފަތުރުވެރިންނާއި އެކު ރާއްޖެ އައި ފްލައިޓެއް / ފޮޓޯ: ވެލާނާ އެއާޕޯޓް

މިދިޔަ އަހަރުގެ ޖުލައި މަހާއި އަޅައިބަލާ މިއަހަރު ޖުލައި މަހު އައި ފަތުރުވެރިންގެ އަދަދު 9 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ އަހަރު ޖުލައި މަހު ރާއްޖެއަށް އައިސްފައިވަނީ 133،561 ފަތުރުވެރިންނެވެ. މޯލްޑިވްސް އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު ޖުލައި މަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ، 145،620 ފަތުރުވެރިންނެވެ. މިއީ 9 އިންސައްތައިގެ ކުރިއެރުމެކެވެ. މިއަހަރު ޖުލައި މަހު އެވްރެޖްކޮށް އައިސްފައިވަނީ 4854 މީހުންނެވެ.

މިއަހަރު ޖުލައި މަހު އެންމެ އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޖުލައި 23 ވަނަ ދުވަހުއެވެ. އެދުވަހު 5644 މީހުން އައިސްފައިވާއިރު، އެންމެ މަދުން އައިސްފައިވަނީ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ. އެދުވަހު އައިސްފައިވަނީ 3879 މީހުންނެވެ.


މިދިޔަ ޖޫން މަހު ޗައިނާ ފަތުރުވެރިން އައި ނިސްބަތް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން އެ ޤައުމުން މިދިޔަ މަހު އެކަނިވެސް 28،134 މީހުން އައިސްފައިވެއެވެ. ދެން އެންމެ ގިނަ މީހުން އައިސްފައިވާ ޤައުމަކީ ރަޝިއާއެވެ. އެ ޤައުމުން 17،683 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއަހަރު ފެށުނު އިރު އެންމެ ރަނގަޅު މާކެޓުގެ ގޮތުގައި އޮތް އިންޑިއާއިން ޖުލައި މަހު އައިސްފައިވަނީ 11،963 ފަތުރުވެރިންނެވެ.

އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު މިހައިތަނަށް ޖުމްލަ 1،075،227 ފަތުރުވެރިން ރާއްޖެ ވަނީ ޒިޔާރަތްކޮށްފައެވެ. ސަރުކާރުގެ މިހާރުގެ އަމާޒަކީ ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން މިއަހަރުގެ ނިޔަލަށް ގެނައުމެވެ.