އެކްޓަރަކަށް ނުވި ނަމަ ވާނީ އެސްޓްރޮނޯޓަކަށް ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ރިތިކް ރޯޝަން ބުނެފި އެވެ.
ޕިންކްވިލާ އިން ކުރިއަށް ގެންދިޔަ އިންޓަވިއު ސެޝަނެއްގައި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 49 އަހަރުގެ އެކްޓަރު ބުނީ ޖައްވީ ކަންކަމަށް އަބަދު ވެސް ވަރަށް ބޮޑު ޝައުގުވެރި ކަމެއް ހުންނަ ކަމަށެވެ. އެހެންވެ ބޮޑުވަމުން އައި އިރު، އެސްޓްރޮނޯޓަކަށްވާން ވަރަށް ބޮޑު ޝައުގުވެރިވި ކަމެއް ހުރި ކަމަށް ބުންޏެވެ.
"އެހެންވެ ޔަގީނުން ވެސް އެެކްޓަރަކަށް ނުވި ނަމަ އަހަރެން ވާނީ އެސްޓްރޮނޯޓަކަށް،" ފިލްމީ އާއިލާއަކަށް ނިސްބަތްވާ ރިތިކް ބުންޏެވެ.
ދެ ކުދިންގެ ބައްޕަ ބުނި ގޮތުގައި އުފަލަކީ ފިލްމުގެ ޒަރީޒާ އިން ޖައްވީ ކަންކަމުގެ ތެރެއަށް ވަދެވުމެވެ. ރިތިކާ އެކީ އޭނަގެ ބައްޕަ ޑައިރެކްޓަރު ރާކޭޝް ރޯޝަން 2003 ގައި ގެނެސްދިން ފިލްމު "ކޮއި…މިލް ގަޔާ" އަކީ ޖައްވީ ކަންކަމާ ގުޅޭ ކަހަލަ ފިލްމެކެވެ. އެގޮތުން އޭގައި ދައްކުވައިދޭ "ޖާދޫ" އަކީ އޭލިއަނެކެވެ.
މި ފިލްމުގައި ރިތިކް ކުޅުނު ކެރެކްޓާ ފަހުން ބަދަލުވެގެން އައީ ވަރުގަދަ ސުޕަހީރޯ ރޯލަކަށެވެ. އެގޮތުން ސުޕަހީރޯ ފިލްމެއްގެ ގޮތުގައި "ކްރިޝް" އާއި "ކްރިޝް 3" ގެނެސްދީފައިވެ އެވެ.
ރިތިކް ބޮލީވުޑަށް ނުކުތީ ބައްޕަގެ 2000 ވަނަ އަހަރުގެ "ކަހޯ ނާ…ޕިޔާރު ހޭ" އިންނެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ވިކްރަމް ވޭދާ" އެވެ. ރިތިކްގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ ޖެނުއަރީގައި ރިލީޒްކުރާ އޭރިއަލް އެކްޝަން ތުރލާ "ފައިޓާ" އެވެ. މީގައި އޭނަ އަކީ ޕައިލެޓެކެވެ.