Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

"ނޮވެމްބާ" ގެނެސްދޭ ތާރީހު އިއުލާން ކުރަނީ

ބެލުންތެރިންނަށް ގެނެސް ނުދެވި ދިގުލައިގެން ގޮސްފައި އޮތް ޑާކް ރެއިން އެންޓަޓައިންމަންޓްގެ ލޯބީގެ ފިލްމު "ނޮވެމްބާ" ރިލީޒްކުރާ ތާރީހު އިއުލާން ކުރަން ތައްޔާރުވެއްޖެ އެވެ.

ފިލްމުގެ ޓީޒާއަކާ އެކީ މިކަން އެ ސްޓޫޑިއޯ އިން އިއްޔެ ހިއްސާކޮށް ބުނީ ރިލީޒްކުރާ ތާރީހު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.

"ނޮވެމްބާ" ރިލީޒްކުރާ ތާރީހު ޑާކް ރެއިނުން އިއުލާންކުރަން ތައްޔާރުވި އިރު، މިދިޔަ މަހު އެ ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) "އައްޑޫ ލައިވް" އަށް ދިން އިންޓަވިއުއެއްގައި އަންނަ އަހަރަށް ފިލްމަށް އުންމީދު ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ. އެކަމަކު މިހާރު ބެލެވޭ ގޮތުން މި އަހަރު ފިލްމު ބެލުންތެރިންނަށް ގެނެސްދީފާނެ އެވެ.

ހުރިހާ މަސައްކަތްތަކެއް ނިންމާފައި އޮތް "ނޮވެމްބާ" އަކީ ކުރިން ޖުލައި 6، 2020 ގައި ރިލީޒްކުރަން ޕްލޭންކުރި ފިލްމެކެވެ. އެކަމަކު ފިލްމު ފަސްކުރަން ޖެހުނު ސަބަބުތަކުގެ ތެރޭގައި އެ އަހަރު ކޮވިޑާ ހެދި އޮލިމްޕަސް ބަންދު ކުރުމާއި، ފަހުން ފިލްމުގެ ލީޑް އެކްޓަރު ޖުމައްޔިލް ނިމާލް (ޖުމަލް) ގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާ އާއި އޮރިޔާންކާޑު ގެންގުޅުމުގެ ތުހުމަތު ހިމެނެ އެވެ.

ޑާކް ރެއިނުން "ޑްރީމް ޕްރޮޖެކްޓެއް" ގެ ގޮތުގައި ފެށި އަދި އެ ސްޓޫޑިއޯ އިން މިހާތަނަށް ހެދި އެންމެ އަގު ބޮޑު ފިލްމުގެ ބަތަލާ އަކީ މަރިޔަމް މަޖުދާ (މަޖޫ) އެވެެ. މަޖޫ އާއި ޖުމަލް އަކީ މި ފަހުން ދިވެހި ސިނަމާގައި އެންމެ މަގުބޫލުވި ޖޯޑެވެ. "ނޮވެމްބާ" އަކީ ސިންގަޕޫރްގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި މަންޒަރުތައް ނެގި ފިލްމެކެވެ. އޭގެ ތެރޭގައި އައްޑު އާއި ލ. އަތޮޅާއި ކ. އަތޮޅު ހިމެނެ އެވެ.

މި ފިލްމުގައި ކުރީގެ މަޝްހޫރު އެކްޓަރު އިސްމާއީލް ވަޖީހުގެ އިތުރުން ވެސް ބޮޑު ކާސްޓެއް ހިމެނެ އެވެ

"ނޮވެމްބާ" އަކީ މޮގާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގާއި އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) އާއި އައިޝަތު ފުއާދު ޑައިރެކްޓްކުރި ފިލްމެކެވެ.

ޑާކް ރެއިނުން މި އަހަރު ބެލުންތެރިންނަށް މިހާތަނަށް ދެ ފިލްމެއް ގެނެސްދީފައިވާ އިރު، ތިން ވަމަ ފިލްމެއް އޮތީ ޑިސެމްބަރު 4 އަށް ތާވަލުކޮށްފަ އެވެ. އެއީ ރިވެންޖް ތުރިލާ "ފުރޭތަ" އެވެ. ތިން އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު މި އަހަރު އޮލިމްޕަސް ހުޅުވި އިރު، އެތަނުގައި މި އަހަރު އެޅުވި ފުރަތަމަ ޑާކް ރެއިނުން ފެބްރުއަރީގައި ގެނެސްދިން "ބީވީމާ" އެވެ. އޭގެ ފަހުން މާޗްގައި މީޑިއާ ނެޓް މެދުވެރިކޮށް "ހިނދުކޮޅެއް" ޑިޖިޓަލްކޮށް ޕްރީމިއާކޮށްފައިވެ އެވެ.