ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ތަރި ނޭމާ ވެސް ސައުދީ އަރަބިއްޔާގެ ކުބަލަށް ބަދަލުވެދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
މީޑިއާތަކުން ބުނީ ޕީއެސްޖީއާ އެކީ 2027 އާ ހަމައަށް ކޮންޓްރެކްޓް ހަދާފައި އޮތް ކުޅުންތެރިޔާ ސައުދީ ލީގަށް ގެންދަން އެ ގައުމުގެ މަޝްހޫރު ބައެއް ޓީމުތަކުން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ޓީމަކީ އަލް ހިލާލު ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ. އެގޮތުން ނޭމާ، 31، އެ ޓީމަށް ގެނައުމާ ބެހޭ ގޮތުން އޭނައާ އެކީ މަޝްވަވާރަކެއް ވެސް ކުރެވިފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުުނެފައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަންނަ އަހަރުގެ ކުރީކޮޅު ނޭމާ ޕީއެސްޖީ ދޫކޮށްލުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެހެންވެ އޭނަ އަށް ކަޅިއަޅާ ޓީމްތަކުގެ ތެރޭގައި ބާސެލޯނާ ވެސް ހިމެނެ އެވެ.
މި ފަހަކަށް މަޝްހޫރު ކުޅުންތެރިންތަކެއް އަންނަނީ ސައުދީ ލީގަށް ބަދަލުވަމުންނެވެ. އެގޮތުން ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހަތުން މިހާރު ސައުދީ ލީގަށް މަޝްހޫރު ބައެއް ކުޅުންތެރިންގެ ތެރޭގައި ކަރީމް ބެންޒަމާ އާއި ސަޑިއޯ މާނޭ ހިމެނެ އެވެ.