Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

އާލިއާގެ ހޮލީވުޑް ފިލްމު މާދަމާ

އިންޑިއާގެ ބަތަލާ އާލިއާ ބަޓް މުހިއްމު ރޯލެއް ކުޅެފައިވާ ހޮލީވުޑްގެ ފިލްމު "ހާޓް އޮފް ސްޓޯން" މާދަމާ ނެޓްފްލިކްސް އިން ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވެއްޖެ އެވެ.

މި ފިލްމަކީ އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުންގެ އަލަތު ހޮލީވުޑް ފިލްމެވެ. އެހެންވެ އާލިއާގެ ފޭނުންނަށް "ހާޓް އޮފް ސްޓޯން" ވަރަށް ހާއްސަ އެއްޗަކަށް ވާނެ އެވެ. އަނެއްކޮޅުން އާލިއާ އަށް ވެސް މި ފިލްމު ހާއްސަވާ މުހިއްމު ސަބަބުތަތަކެއް އެބަހުއްޓެވެ.

އޭގެ ތެރޭގައި މިއީ އޭނަގެ ފުރަތަމަ އިންޓަނޭޝަނަލް ފިލްމަށްވުމާއި "ހާޓް އޮފް ސްޓޯން" ޝޫޓްކުރަމުން ދަނިކޮށް ބަލިވެއިންކަން އެނގުން ހިމެނެ އެވެ. ޓޮމް ހާޕާ ޑައިރެކްޓްކުރި ފިލްމުގެ ބައެއް މަންޒަރުތައް ޝޫޓްކުރީ އާލިއާ ބަލިވެއިނދެ އެވެ.

ސްޕައި ތުރިލާއއްގެ ގޮތުގައި ގެނެސްދޭ "ހާޓް އޮފް ސްޓޯން" ގެ ކާސްޓަށް ބަލާ އިރު، މީގައި ހޮލީވުޑްގެ މަޝްހޫރު ތަރިންތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ސުޕަހީރޯ ފްރެންޗައިޒް "ވޮންޑަ ވުމަން" ގެ ބަތަލާ ގަލް ގެޑޯ އާއި އާންމުންގެ ތެރޭގައި ވަރަށް ބޮޑަށް މަޝްހޫރުވި އިރޮޓިކް ތުރިލާ "ފިފްޓީ ޝޭޑްސް އޮފް ގްރޭ" ގެ އެކްޓަރު ޖެމީ ޑޯނަން ހިމެނެ އެވެ.

މާދަމާ "ހާޓް އޮފް ސްޓޯން" ބެލުންތެރިންނަށް ދޫކޮށްލާ އިރު، އާލިއާގެ އެންމެ ފަހުގެ ފިލްމު ޑައިރެކްޓަރު ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ޖަހާނީ" ގެ ޖާދޫގައި އެތައް ބަޔަކު ތިބީ ޖެހިފަ އެވެ. އެ ފިލްމާ ހިލާފަށް އަލަތު ހޮލީވުޑުން ފިލްމުން ހުނަރުވެރި ބަތަލާ ފެންނަނީ ގްލެމަރަސްކަން ކުޑަ، ރަސްޓިކް ރޯލަކުންނެވެ. އޭނަ ކުޅެފައިވާ ކެރެކްޓާގެ ނަމަކީ ކޭޔާ ދަވަން އެވެ.