Last Updated: July 18, 17:09
Saturday, July 18, 2026
ދުނިޔެ

ޓްވިޓާގެ ގިނަ އެއްޗެހިތަކެއް ނީލަމަކަށް

ދާދި ފަހުން "އެކްސް" އަށް ރިބްރޭންޑްކުރި ޓްވިޓާގެ ގިނަ އަދަދެއްގެ ތަކެތި ނީލަމުގައި ވިއްކައިލަން ނިންމައިފި އެވެ.

އޭގެ ތެރޭގައި ޓްވިޓާގެ ލޯގޯއަކަށް ކުރިން ބޭނުން ދޫނި ލޯގޯ ސައިން އާއި ޓްވިޓާގެ ސެން ފްރަންސިސްކޯގެ މައި އޮފީސް ހިންގި އިމާރާތުގައި ބޭނުންކުރި ގިނަ އަދަދަކެއްގެ ތަކެތި ހިމެނެ އެވެ. އެގޮތުން އޮފީސް މޭޒާއި ގޮނޑި އާއި ކުރެހުންތަކާއި އެ ނޫން ވެސް ތަކެތި ހިމެނެ އެވެ. ވިއްކައިލަން ނިންމި އައިޓަމްތަކުގެ އަދަދު 584 އަށް އަރަ އެވެ.

އޮކްޝަން ހައުސްއެއް ކަމަށްވާ ހެރިޓޭޖް ގްލޯބަލް ޕާޓްނާސްއާ ގުޅިގެން ޓްވިޓާގެ ތަކެތި ވިއްކައިލަނީ "ޓްވިޓާ ރީބްރޭންޑިން: އޮންލައިން އޮކްޝަން ފީޗަރިން މެމޮރޮބީލިއާ، އާޓް، އޮފީސް އެސެޓްސް އެންޑް މޯ" ގެ ނަމުގައި ބާއްވާ ނީލަމުގަ އެވެ.

ނީލަމުގައި ވިއްކައިލާ ތަޗެއްކަށް ބިޑްކުރުމުގެ ފުރުސަތު އަންނަ މަހުގެ 12 ގައި ހުޅުވައިލާނެ އެވެ. އަދި ދެ ދުވަސް ފަހުން ނީލަން ނިންމައިލާނެ އެވެ. ނީލަމުގައި ވިއްކާ ތަކެތީގެ އަގު ފެށޭ އެންމެ ދަށް އަގަކަށް ކަނޑައަޅާފައި ވަނީ 25 ޑޮލަރެވެ. މި އަހަރުގެ ކުރީކޮޅު ވެސް ޓްވިޓާގެ ބައެއް ތަކެތި ނީލަމުގައި ވިއްކާފައިވެ އެވެ.

ޓްވިޓާ "އެކްސް" އަށް ރިބްރޭންޑްކުރި އިރު، އޭގެ ވެރިއަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކެވެ. ޓެސްލާ އާއި އާއި ސްޕޭސް އެކްސްގެ ވެސް ވެރިޔާ 44 ބިލިއަން ޑޮލަރަށް ޓްވިޓާ ބައްލަވައިގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.