Last Updated: July 18, 17:09
Saturday, July 18, 2026
މުނިފޫހިފިލުވުން

ކުވައިތުގައި ވެސް "ބާބީ" މަނާކޮށްފި

މެދުއިރުމަތީގައި ފިލްމު "ބާބީ" ޕްރީމިއާކުރަން ތައްޔާރުން ދަނިކޮށް އެ ސަރަހައްދުގެ ގައުމެއް ކަމަށްވާ ކުވައިތުން ފިލްމު ދެއްކުން މަނާކޮށްފި އެވެ.

ކުވައިތުން އެގޮތަށް ނިންމީ އިއްޔެ އެވެ. މިކަމާ ގުޅޭ ގޮތުން އެ ގައުމުގެ އިންފޮމޭޝަން މިނިސްޓްރީގެ ތަރުޖަމާނު މީޑިއާތަކަށް ވިދާޅުވީ "ބާބީ" ދެއްކުން މަނާކުރީ އާންމު އިޖުތިމާއީ މިންގަނޑަށް ނުފެތޭ ކަންކަން ފިލްމުގައި ހިމެނޭފީ ކަމަށެވެ. ހާއްސަކޮށް އެއްޖިންސުން ގުޅުން ހިންގުން ކަންކަމަށް ހިތްވަރުދޭ ކަހަލަ މަންޒަރުތަކެއް ހިމެނޭތީ އެ ފިލްމަކީ ކުވައިތުގައި ދައްކަން އެކަށީގެންވާ ކަހަލަ ފިލްމެއް ނޫން ކަމަށް އިންފޮމޭޝަން މިނިސްޓްރީން ބުންޏެވެ.

މި ކަހަލަ ކަންބޮޑުވުންތަކެއް ފާހަގަކޮށް ދާދި ފަހުން ކުވައިތުގައި އޮސްޓްރޭލިއާގެ ބިރުވެރި ފިލްމު "ޓޯކް ޓު މީ" ވެސް ދެއްކުން މަނާކޮށްފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކުވައިތުގެ ފަހަތުން ލުބުނާން ވެސް މިހާރު އޮތީ "ބާބީ" އެ ގައުމުގައި ދެއްކުން މަނާކުރަން ނިންމައިފަ އެވެ. މިކަމާ ބެހޭ ގޮތުން އެ ގައުމުގެ ކަލްޗްރަލް މިނިސްޓަރު މުހައްމަދު މުރުތަދާ ވިދާޅުވީ "ބާބީ" އާ މެދު ގޮތެއް ނިންމަން އިންޓީރިއާ މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 21 ގައި ރިލީޒްކުރި "ބާބީ" މަނާކުރި ގައުމުތަކުގެ ތެރޭގައި ޕާކިސްތާނާއި ވިއެޓްނާމް ވެސް ހިމެނެ އެވެ.

މި ފިލްމަކީ ކުޅޭ ސާމާނު އުފައްދާ އެމެރިކާ ކުންފުނި، މެޓެލް އިން ކުޑަކުދިން ކުޅެން ގެންގުޅޭ ބުދެއްގެ ގޮތުގައި އުފައްދައިގެން މަޝްހޫރުވި ބާބީ އަށް ބިނާކޮށް ޑައިރެކްޓަރު ގްރެޓާ ގާވިގް ގެނެސްދިން އެއްޗެކެވެ. "ބާބީ" ގެ ޓައިޓްލް ރޯލު ކުޅުނީ މާގޯ ރޮބީ އެވެ. މީގެ ކާސްޓްގައި ރަޔަން ގޯސްލިން، ކޭޓް މެނިކަން، އެމެރިކާ ފެރޭރާ، މައިކަލް ސޭރާ، ވިލް ފެރެލް، އިސާ ރައީ އަދި ރިއާ ޕާލްމަން ހިމެނެ އެވެ.

ޖުމްލަ 145 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ބާބީ" އަށް މިހާތަނަށް ބޮކްސް އޮފީހުގައި 1.052 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.