އެކަށީގެންވާ ސަބަބެއް ނެތި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ވަޒީފާއިން ވަކި ކުރި މުވައްޒަފަކަށް 660،000 އަށް ވުރެ ގިނަ ރުފިޔާ ދޭން ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލް އިން ހުކުމް ކޮށްފިއެވެ.
މިމައްސަލަ ބީއެމްއެލްއާއި ދެކޮޅަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް އިން ނިންމާފައިވަނީ ބޭންކުގެ ކަލެކްޝަންސް އެންޑް ރިކަވަރަރީ މެނޭޖަރެއްގެ މަޤާމުގައި ހުރި މުވައްޒަފަކު 25 ޖޫން 2019 ވަނަ އަހަރު އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ކަނޑައަޅައެވެ. އެގޮތުން މުވައްޒަފުގެ މުސާރައިން 24 މަސް ދުވަހަށް ނުވަތަ 2 އަހަރު ދުވަހަށް ވާވަރަށް 662،640ރ. ބަދަލެއްގެ ގޮތުގައި ދޭން ބީއެމްއެލްގެ މައްޗަށް ވަނީ އަނގާފައެވެ. މި ފައިސާ ރަސްމީ ބަނދު ނޫން 21 ދުވަހުގެ ތެރޭގައި ދިނުމަށް ހުކުމުގައި ވެއެވެ.
މިމައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މުވައްޒަފު ބޭންކުން ވަކިކޮށްފައިވަނީ ބަލަން ޖެހޭ ވަރަށް ނުބަލާ ލިޔެކިއުމެއްގައި ސޮއިކުރުމުގެ ސަބަބުން ބޭންކަށް އެތައް މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވާ ކަމަށް ބުނެއެވެ. އެ މައްސަލާގައި ބީއެމްއެމްލްއިން ވަޒީފާއިން ވަކިކުރުމުން މައްސަލަ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް އަށް ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލައަކީ ޓްރައިބިއުނަލް އަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް އޭރު ޓްރައިބިއުނަލް އިން ވަނީ ނިންމާފައެވެ.
ޓްރައިބިއުނަލްގެ ނިންމުން ބަދަލުކުރުމަށް، މައްސަލަ ހައިކޯޓަށް ވަނީ ހުށަހަޅާފައެވެ. ހައިކޯޓުން މައްސަލާގައި ކުރި ހުކުމުގައި ބުނެފައިވަނީ މި މައްސަލައަކީ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްއަށް މައުޟޫއީ ގޮތެއްގައި ބެލޭނެ މައްސަލައެއް ކަމަށެވެ.
އެއާއެކު ޓްރައިބިއުނަލްއިން މައްސަލަ ބަލިއެވެ. މައްސަލަ ހުށަހެޅި މުވައްޒަފު ހުށަހަޅާފައިވަނީ މަޤާމުން ވަކިކުރީ ޤާނޫނާއި ހީލާފަށް ކަމަށް ކަނޑައަޅައި، ވަޒީފާ އަބުރާ ލިބުމާއި ހަމައަށް ލިބެން ޖެހޭ މުސާރަ ނަގައި ދިނުމަށާއި، ނުހައްޤުން ވަޒީފާއިން ވަކިކޮށްފައިވާތީ އެކަމުގައި ޓްރައިބިއުނަލްއަށް ފެންނަ އަދުލުވެރި ބަދަލެއް ނަގައި ދިނުމަށެވެ.
މިމައްސަލާގައި ބޭންކް އޮފް މޯލްޑިވްސްއިން ޖަވާބުދާރީވެފައިވާއިރު، މުވައްޒަފު މަޤާމުން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށް ބީއެމްއެމްއެލް އަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ޓްރައިބިއުނަލް ނިންމުމުގައިވެއެވެ. އަދި މުވައްޒަފެއް މަޤާމުން ވަކިކުރުމުގައި ޤާއިމްކުރަން ޖެހޭ މަޢުޟޫއީ އަދުލުވެރިކަން ޤާއިމްކޮށްފައި ނުވާކަން ޓްރައިބިއުނަލްއިން ވަނީ ފާހަގަކޮށްފައެވެ.
މިއާއެކު މިމައްސަލަ ނިންމާތާ 21 ދުވަހުގެ ތެރޭ މުވައްޒަފުގެ މުސާރައިގެ ގޮތުގައި އޭރު ލިބެމުން ދިޔަ 27،610ރ. ގެ ނިސްބަތުން 2 އަހަރު ދުވަހަށްވާ މުސާރަ ނަގައި ދިނުމަށެވެ.