Last Updated: May 19, 00:16
Saturday, May 18, 2024
ޚަބަރު ރިޔާސީ އިންތިހާބް

މާރިޔާ ދެއްކީ ސެނެޓް ގަނެލުމާއި މަޖިލީހުގެ ހާޒިރީގެ ވާހަކަ

ރައްޔިތުންގެ ހައްގުގައި އިންތިހާބުގައި ވާދަކުރައްވައިގެން ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކަނި ކަމަށް އެމަނިކުފާނުގެ ކެމްޕޭން ސްޕޯކްސްޕާސަން މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭން ސްޕޯކްސްޕާސަންގެ ހައިސިއްޔަތުން ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި، މިއަދު އެ ބިރުވެރިކަން ނެތިފައިވާ ކަމަށެވެ. އެއްވެސް ރައްޔިތަކާމެދު ތަފާތު ކުރުމެއްނެތި ރައީސް ސޯލިހް މި ފަސް އަހަރު ރާއްޖޭގެ ރަށްތަކަށް ތަރައްގީ ގެނެސްދެއްވާފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ރިޔާސީ އިންތިހާބު އެއްބުރުން ރައީސް ސޯލިހް ކާމިޔާބު ކުރައްވާތަން ފެންނަ ކަމަށެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ރައްޔިތުންނަށްޓަކާ އިންތިހާބަށް ނިކުމެތިބީ އެމްޑިޕީ އެކަނި ކަމަށެވެ. އެގޮތުން ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުންގެ ވިސްނުމާއެއްގޮތަށް މެނިފެސްޓޯ ހަދައިގެން ތިބީ އެމްޑީޕީ އެކަނި ކަމަށެވެ. ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށްޓަކައި ކަމަށް ވިދާޅުވެ މާރިޔާ ވިދާޅުވީ މުއިއްޒު ކެންޑިޑަސީ ޔަގީން ކުރެއްވީ "ސެނެޓް ގަނެލައިގެން" ކަމަށެވެ.

"ރައީސް ޔާމީން އެކިގޮތްގޮތަށް ވިދާޅުވެ ހުއްޓާ، އަޅުގަނޑުމެނަށް ފެނިގެންދިޔައީ، ސެނެޓް ގަނެލައިގެން މުއިއްޒު ކެންޑިޑޭޓެއްހެން ނުކުމެވަޑައިގެން ހުންނަވާތަން." މާރިޔާ ވިދާޅުވިއެވެ.

މީގެއިތުރުން ޖޭޕީގެ ކެންޑިޑޭޓް ޤާސިމް އިބްރާހިމްގެ ނަން ވިދާޅުނުވެ، ނުސީދާގޮތެއްގައި ފާޑުވިދާޅުވަމުން މާރިޔާ ވިދާޅުވީ، ދެން ތިބި ކެންޑިޑޭޓުންވެސް ފަސް އަހަރު މަޖިލީހަށް އިންތިހާބު ކުރުމުން މަޖިލީހަށް ހާޒިރުވާވަރު ހާޒިރީ ރިކޯޑުން ފެންނާނެ ކަމަށެވެ.

"ރައްޔިތުންގެ މަތިން ފަސް އަހަރުވަންދެން ގާތްގަނޑަކަށް ހަނދުމަފުޅުނެތިފައި ހުންނަވާފައި، ކުއްލިއަކަށް ނުކުމެވަޑައިގެން ވިދާޅުވާތަން މިފެންނަނީ، ރައްޔިތުން ބުނެފިއްޔާ ދެން ކޮންމެކަމެއްވެސް ކުރަންޖެހޭނެއޭ، އެކަހަލަ ވާހަކަތައް މި ދައްކަވަނީ." މާރިޔާ ވިދާޅުވިއެވެ.

ޤާސިމްގެ މެނިފެސްޓޯގައި ފަނޑިޔާރުންގެ މުސާރަބޮޑުކުރުމުގެ ވާހަކަ ފާހަގަކޮށްފައިވާއިރު، އެކަމަށްވެސް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، އެބޭފުޅުންގެ މެނިފެސްޓޯއިން ރައްޔިތުންގެ ވާހަކަ ދައްކަވާތަން މާބޮޑަށް ނުފެންނަ ކަމަށާއި، ފެންނަނީ ރައީސް އަދި ނައިބު ރައީސްގެ ގެކޮޅުތައްޔާރު ކުރާނެ ވާހަކައާއި ކޯޓުތައް ބިނާކުރާނެ ވާހަކަތަކާއި ފަނޑިޔާރުންގެ މުސާރަ ބޮޑުކުރާނެ ވާހަަކަ ކަމަށެވެ.

މާރިޔާ ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިހާބަށް ރައްޔިތުންގެ އެޖެންޑާއަކާއެކު ނިކުމެތިބީ އެމްޑީޕީ އެކަނި ކަމަށެވެ.