Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ކައްދޫ އެއާޕޯޓް ތަރައްޤީ އަށް ބިން ހިއްކަން ހަވާލުކޮށްފި

ކައްދޫ އެއާޕޯޓު / ފޮޓޯ: ވިޒިޓް ލާމު

ލ. ކައްދޫ އެއާޕޯޓު ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކަށް ބަދަލު ކުރުމުގެ މަސައްކަތައް ބޭނުންވާ ބިން ހިއްކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.

މިމަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް، ޝާނާ ފާރޫޤްއެވެ. މިމަސައްކަތް އެމްޓީސީސީ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.

ކައްދޫ އެއަޕޯޓު ތަރައްޤީ ކުރަން ބިން ހިއްކަން އެމްޓީސީސީ އާއި ހަވާލު ކުުރުމުގެ ތެރެއިން / ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ކައްދޫ އެއަޕޯޓު ތަރައްޤީ ކުރަން ބިން ހިއްކަން އެމްޓީސީސީ އާއި ހަވާލު ކުުރުމުގެ ތެރެއިން / ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

އެމްޓީސީސީއާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 398.7 މިލިއަން ރުފިޔާއެވެ. މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން އެއާޕޯޓަށް ބޭނުންވާ 56.83 ހެކްޓަރު ހިއްކަން ވަނީ ހަމަޖެހިފައެވެ. އަދި ހިއްކާ ސަރަހައްދު ގޮނޑުދޮށް ހިމާޔަތް ކުރުމަށް 4433 މީޓަރު ބޮޑު ހިލަ ރިވެޓެމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މިމަސައްކަތުގެ ބިން ހިއްކުން 300 ދުވަހުގެ ތެރޭ ނިންމަން ހަވާލު ކުރެވިފައިވާއިރު ރިވެޓްމެންޓް މަސައްކަތް ނިންމަން ޖެހެނީ 600 ދުވަހުގެ ތެރޭގައެވެ.

މިމަޝްރޫޢޫ އަކީ ލ. ކައްދޫ އެއާޕޯޓު ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކޮށް ވަސީލަތް ޤާއިމް ކުރުމަށް ކުރުމަށް ކުރިއަށް ގެންދެވޭ މަޝްރޫޢުއެކެވެ. މިމަޝްރޫޢޫގެ ދަށުން 2.4 ކިލޯމީޓަރުގެ ރަންވޭއެއް ތަރައްޤީކޮށް، ޕެސެންޖަރ އައު ޓާމިނަލެއް ޤާއިމްކޮށް އެއާޕޯޓުގެ އެހެނިހެން ވަސީލަތްތައް ޤާޢިމް ކުރަން ވަނީ ހަމަޖެހިފައެވެ.

ކައްދޫ އެއަޕޯޓު ތަރައްޤީ ކުރަން ބިން ހިއްކަން އެމްޓީސީސީ އާއި ހަވާލު ކުުރުމުގެ ތެރެއިން / ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ކައްދޫ އެއާޕޯޓު ބައިނަލްއަޤްވާމީ އެއާޕޯޓަކަށް ބަދަލު ކުރަން ނިންމާފައިވާކަން ހާމަކޮށްފައިވަނީ ކައުންސިލްތަކުގެ އިންތިހާބުގައި ލ. އަތޮޅަށް އެމްޑީޕީން ވާނެ ވައުދުތަކުގެ މެނިފެސްޓޯ ތައްޔާރު ކުރުމަށް އެ އަތޮޅު ގަމުގައި ބޭއްވި ކެމްޕޭން ވޯކްޝޮޕްގެ ތެރެއިންނެވެ. މިކަން ހާމަކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއެވެ.

ރައީސް ވިދާޅުވީ ލ. އަތޮޅަކީ ބިން ބޮޑު، ގުދުރަތީ ވަސީލަތްތައް ގިނަ އަދި ބޭނުުންތެރި އެތައް އިގްތިސާދީ މަސައްކަތެއް ކުރެވޭނެ ސަރަހައްދެއް ކަމަށާއި އިގްތިސާދީ ހަބެއްގެ ގޮތުގައި އެ އަތޮޅު ތަރައްގީ ކުރުމަށް ސަރުކާރުން ނިންމީ އެ ސަބަބަށްޓަކައި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އިގްތިސާދީ ހަބެއްގެ ގޮތުގައި ލ. އަތޮޅު ތަރައްގީ ކުރުމަށްޓަކައި އެންމެ އިސްކަމެއް ދީގެން ކުރަން ޖެހޭ މަސައްކަތަކީ އެ އަތޮޅުގެ ކައްދޫގައި އޮންނަ އެއާޕޯޓް އިތުރަށް ތަރައްގީ ކުރުން ކަމަށެވެ. ބައިނަލް އަގްވާމީ ފެންވަރަށް އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު ފަށަން އަމާޒު ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.