Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

އައްޑު އަށް މުދާ ގެންދަން ބޯޓެއް ގަންނަނީ

އެމްއެސްއެސް އޯޕަލް ގަތުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމީއްޔާތުގެ ތެރެއިން / ފޮޓޯ: އެސްޓީއޯ

އައްޑޫއަށް ބޭރު ޤައުމުތަކުން މުދާ ގެނައުމުގެ ބޭނުމުގައި ސްޓޭޓް ޓްރޭޑިންގް އޯގައިނައިޒޭޝަން (އެސްޓީއޯ)ގެ ދަށުން ހިންގާ ޤައުމީ ޝިޕިންގް ކުންފުނި (އެމްއެސްއެސް)އިން ބޯޓެއް ގަތުމަށް ނިންމައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެމްއެސްއެސް އޯޕަލް ނަމަކަށް ކިޔާ މި ބޯޓަކީ ބައިނަލްއަގްވާމީ ބާޒާރުން އައްޑޫ އަށް ގެނެވޭ މުދާ މާލޭގައި ޓްރާންސިޓް ކުރުމަށްފަހު އައްޑޫ އަށް ގެންދިއުމާއި އަދި މާލެއިން ގަންނަ މުދާ ކޮންޓެއިނަރައިޒްޑް ކޮށްގެން އައްޑޫއަށް ގެންދިއުމަށް ބޭނުންކުރާނެ އުޅަނދެކެވެ. އޯޕަލް އަކީ 105 ކޮންޓެއިނަރ އުފުލޭ، ބޯޓުގައި ކްރޭން ހަރުކުރެވިފައިވާ އުޅަނދެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.

މި ބޯޓް ރާއްޖެގެނެވި އިދާރީ އެންމެހައި ކަންކަން ނިމުމާއެކު ދުނިޔޭގެ ކޮންމެ ތަނަކުންވެސް އައްޑޫއާ ހަމައަށް، އެމްއެސްއެސް މެދުވެރިކޮށް މުދާ ގެނައުމަށް ބުކް ކުރުމަށް ހުޅުވާލެވޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ކޮންމެ ދިހަ ދުވަހަކުން އައްޑޫ ސިޓީއަށް ދަތުރުކުރާ މި ބޯޓް ދަތުރުކުރާނީ މާލެ، ހިތަދޫ، ކޫއްޑޫ މާލެ އެވެ. މި ބޯޓުގެ ދަތުރުތައް ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި ފެށުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.


ބޯޓުގައި 20 ރީފަރ ކޮންޓެއިނަރ ހިމެނޭއިރު މި އުޅަނދަކީ ކްރޭން ހަރުކުރެވިފައިވާ އުޅަނދަކަށްވުމުން އައްޑޫ ސިޓީގެ ބަނދަރުގައި މިވަގުތު ކްރޭން ނެތިގެން ދިމާވާ އެއްވެސް ދަތިކަމެއް މި އޮޕަރޭޝަންގައި ދިމާވެގެން ނުދާނެ ކަމަށް އެކުންފުނިން ފާހަގަ ކުރެއެވެ. އަދި މި އޮޕަރޭޝަންގެ ސަބަބުން މުދާ އުފުލުމުގައި ހުރި ދަތިތައް ހައްލުވެ، ޤަވާއިދުން މުދާ އުފުލަދޭނެ އިތުބާރުކުރެވޭ ފަރާތެއް އުފެދި، ބާޒާރުގައި މި ޚިދުމަތުގެ އަގު ހިފެހެއްޓޭނެ ކަމަށް އެމްއެސްއެއިން ޤަބޫލު ކުރެއެވެ.މީގެ އިތުރުންވެސް މޫސުން ގޯސްވާ ދުވަސްވަރު އައްޑޫއަށް ކާޑުގެ ބާވައްތައް އުފުލުމުގައިވެސް މި ބޯޓު އެހީތެރިވެދޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އައްޑޫގެ ސަރަހައްދީ ބަނދަރު ބައިންލައަގްވާމީ ބަނދަރުތަކާ ގުޅުވާލެވުމުން މާލެ ފިޔަވައި އިތުރު ސަރަހައްދެއްގައި ބައިނަލްއަޤްވާމީ ބަނދަރެއް ތަރައްޤީވެ ވަޒީފާގެ ފުރުޞަތުތައްވެސް ފަހިވެގެންދާނެއެވެ. އަދި މިއީ ސަރުކާރުގެ ލާ މަރުކަޒީ ސިޔާސަތަށް ވަރުގަދަވެގެން ދާނެ ކަމެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.

މި ބޯޓު ގަތުމާއެކު އެމްއެސްއެސް އެކުންފުނީގެ ފްލީޓުގައި 5 ބޯޓު އޮންނާނެއެވެ. އެކުންފުންޏަކީ ރާއްޖޭގެ ޝިޕިންގް އިންޑަސްޓްރީ ކުރިއަރުވައި ކުރިން ރާއްޖޭގައި އޮތް ބައިނަލްއަޤްވާމީ ފެންވަރުގެ ޝިޕިންގް އިންޑަސްޓްރީއެއް ޤައިމް ކުރުމެވެ. އެމްއެސްއެސް މި ބޭނުމުގައި އުފައްދާފައިވަނީ 2020 ވަނަ އަހަރުއެވެ.