ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފަށަން އެސްޓީއޯ އިން ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން (ޔޫސީސީ) ކުންފުންޏާ ހަވާލުކޮށްފި އެވެ.
ކުރުނބާ މޯލްޑިވްސް ރިސޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯއާއި އާބަކޮންއާ ދެމެދު ސޮއިކުރި އެއްބަސްވުމަކީ ބަންކަރިން އަދި ގައުމީ ތެލުގެ ރިޒާވް ތަރައްގީކުރުމަށް ބޭނުންވާ ފީސިބިލިޓީ ސްޓްޑީޒްތައް ހަދައި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށްޓަކައި ސޮއިކުރި އެއްބަސްވުމެކެވެ.
އެކަމާ ގުޅޭ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަބްދުﷲ ސައީދެވެ. އަދި ޔޫސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ މުހައްމަދު ސަބްރީ އެވެ.
އެސްޓީއޯއިން ބުނީ، ދުނިޔޭގެ ބަންކަރިން އިންޑަސްޓްރީއަކީ 150 ބިލިއަން ޑޮލަރުގެ ވިޔަފާރިއަކަށްވާ އިރު، އިހަވަންދިއްޕޮޅުގައި ބަންކަންރިންގެ ހިދުމަތް ފަށައި އޭގެ ނަފާ މުޅި ގައުމަށާއި އެ ކުންފުންޏަށް ހޯދުމަކީ އެ ޕްރޮޖެކްޓުގެ އެންމެ މުހިއްމު އެއް އަމާޒު ކަމަށެވެ.
އެ ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގެ މެރިޓައިމް ސިނާއަތަށާއި ގުޅުން ހުރި ވިޔަފާރިތަކަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ. އޭގެ ތެރޭގައި ޝިޕިން އެޖެންސީ، ކްރޫ ޗޭންޖް، ޝިޕް ޗޭންޑްލިންގް، ޝިޕް ރިޕެއާ އަދި ސްޕެއާ ޕާޓްސް ފޯރުކޮށްދިނުން ހިމެނެ އެވެ.
އެސްޓީއޯއިން ބުނީ، ބަންކަރިންގް ހިދުމަތް ފެށުމަށްޓަކައި ރެގިއުލޭޓަރީ ފްރޭމްވޯކް އެކުލަވާލުމަށްޓަކައި ބޭރުގެ ފަންނީ ކޮންސަލްޓަންސީ ހޯދައި ޑްރާފްޓް ރެގިއުލޭޝަންސްތައް ތައްޔާރުކޮށްފައިވާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓް ހިންގުމުގައި ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދިރާސާކޮށް، ހޯދަންޖެހޭ އާލާތްތައް، އެމްއެންޑީއެފްގެ ލަފާގެ މަތިން ކުރަމުންދާ ކަމަށްވެސް ބުންޏެވެ.