އައްޑޫސިޓީ ހިތަދޫގައި މަސްތުވާތަކެތި ހިފައިގެން ދިޔަ ދެމީހަކު ފުލުހުން މަޑުކުރަން އެނގުމުން މަޑުނުކޮށް ފިލަން އުޅެނިކޮށް ފުލުހެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގަފިއެވެ.
މިރޭ 10:30 އެހައިކައްހާއިރު މި އެކްސިޑެންޓު ހިނގަން މެދުވެރިވީ، މަސްތުވާތަކެތި ހިފައިގެން ސައިކަލެއްގައި ދިޔަ ދެ ފިރިހެނެއް، ފުލުހުން މަޑުކުރަން އެނގުމުން މަޑުނުކޮށް ފިލަން އުޅުމުގެ ތެރޭގައެވެ. އެގޮތުން ފިލަން އުޅެ އެވަގުތު އެތަނުގައި ހުރި ފުލުހެއްގައިގައި ޖައްސާފައި ދުއްވާލިތަނުން، އެ ތަނުގައި އޮތް ކާނުގަނޑުތެރެއަށް ދެމީހުން ވަނީ ވެއްޓިފައެވެ.
މި ހާދިސާގައި ފުލުސް މީހާއަށް މާ ބޮޑު އަނިޔާއެއް ލިބިފައި ނުވާއިރު، ހުއްޓުވަން އުޅުނު ސައިކަލުގެ ފަހަތުގައި އިން މީހާއަށް އަނިޔާވެގެން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ދުއްވަން އިން މީހާ މިވަގުތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެމީހުން އަތުން ވަނީ މަސްތުވާތަކެތި ފެނިފައެވެ.
މި ހާދިސާގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް މަންޒަރު ދުއް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުލިބެއެވެ.
މިހާދިސާއާއި އައްޑޫސިޓީ ހިތަދޫ ޕޮލިސްއިން ތަހުޤީޤު ކުރަމުންދާއިރު، ރަސްމީކޮށް ފުލުހުންގެ ބަހެއް މިކަމުގައި އަދި ލިބިފައި ނުވެއެވެ.