Last Updated: July 15, 17:55
Wednesday, July 15, 2026
ކުޅިވަރު

ޓޮޓެންހަމް ދޫކޮށް ކޭން ބަޔާނަށް

ޓޮޓެންހަމަށް ކުޅެމުން އަންނަ އިންގްލެންޑްގެ ފޯވާޑް ހެރީ ކޭން ޖަރުމަނުގެ ބަޔާން މިއުނިކަށް ބަދަލުވާން ނިންމައިފި އެވެ.

ބަޔާނުން އިއްޔެ ވަނީ ކޭން ގެންނަން 100 މިލިއަން ޔޫރޯ އަށް ވުރެ ބޮޑު ހުށަހެޅުމެއް ޓޮޓެންހަމަށް ހުށަހަޅައިފަ އެވެ. އެ ހުށަހެޅުން ޓޮޓެންހަމުން ގަބޫލުކޮށްފައިވާއިރު ރޭގެ ވަގުތެއްގައި ކޭން ވެސް ވަނީ ޓޮޓެންހަމް ދޫކޮށް ބަޔާނަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ޓްރާންސްފާ ފުރިހަމަ ކުރަން ކޭން މިއަދުގެ ވަގުތެއްގައި ޖަރުމަނަށް ދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޭން ،30، ޓޮޓެންހަމާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި އެއް އަހަރު އޮތްއިރު އޭނާ ވަނީ އެ ކްލަބުގެ ކޮންޓްރެކްޓް އާނުކުރަން މީގެކުރިން ނިންމައިފަ އެވެ. އެއާއެކު ބަޔާނުން ކޭން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަތާ ދުވަސްތަކެއް ވެފައިވާއިރު ޓޮޓެންހަމުން މީގެކުރިން ވަނީ ކޭން ގެންނަން ބަޔާނުން ހުށަހެޅި ދެ ހުށަހެޅުމެއް ގަބޫލުކުރަން ދެކޮޅު ހަދައިފަ އެވެ.

ޓޮޓެންހަމަށް 435 މެޗު ކުޅެދީ 280 ގޯލު ކާމިޔާބުކޮށްދީފައިވާ ކޭން އަކީ އެ ކްލަބަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު އޮތް ކުޅުންތެރިޔާ އެވެ. ޓޮޓެންހަމާއެކު ކާމިޔާބީއެއް ހޯދިފައި ނުވި ނަމަވެސް ކޭން ވަނީ ޕްރިމިއާ ލީގުގެ ރަން ބޫޓު ތިން ފަހަރެއްގެ މަތިން ކާމިޔާބުކޮށްފަ އެވެ.