ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކުރިއަށް އޮތް ފިލްމުގައި އަޖޭ ދޭވްގަނާއި ދީޕިކާ ޕަދްކޯން ކުޅޭނީ ދެބެއިންގެ ރޯލު ކަމަށް ރިޕޯޓްތައް ބުނެފި އެވެ
މި ފިލްމަކީ ރޯހިތުގެ ކޮޕް ޔުނިވާސްގައި ހިމެނޭ އަޖޭގެ "ސިންގަމް" ގެ ތިން ވަނަ ފިލްމެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި ގޮތުގައި ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ "ސިންގަމް އެގެއިން" އަކީ އަޖޭ ގޮތަށް ދީޕިކާ ވެސް ކުޅޭނީ ފުލުހެއްގެ ރޯލެވެ. އަދި މިއީ ފިލްމުގައި ދެބެއިންނެވެ.
ކުރިން ބެލެވިފައި އޮތީ "ސިންގަމް އެގެއިން" ގައި އަޖޭ އާއި ދީޕިކާ ފެންނާނީ ދެ ލޯބިވެރިންގެ ގޮތުގައި ކަމަށެވެ. އަނެއްކޮޅުން މި ދެ ތަރިން އެކީގައި މިހާތަނަށް އަދި ފިލްމެއް ކުޅެފައިވާތީ އެ މީހުންގެ ކެމިސްޓްރީ ބޮޑު ސްކްރީން ދެކިލުމުގެ ޝައުގުވެރިކަން ވެސް ފޭނުންގެ މެދުގައި ބޮޑެވެ.
ނަމަވެސް މިހާރު އަޑުއަރާފައިވާ ގޮތުން އަޖޭގެ ކޮއްކޮގެ ރޯލު "ސިންގަމް އެގެއިން" ގައި ދީޕިކާ ކުޅެން ހަމަޖެހިފައިވާތީ، ފިލްމުގައި އަޖޭގެ ބައިވެރިއެއްގެ ގޮތުގައި އެހެން ބަތަލާ އަކު ހިމެނޭނެ ކަމަށް ބެލެވެ އެވެ. ދެހާސް އެގާރައިގެ "ސިންގަމް" ގެ ބަތަލާ އަކީ ދެކުނުގެ ބަތަލާ ކާޖަލް އަގަރްވާލެވެ. ދެހާސް ސާދައިގެ "ސިންގަމް ރިޓާންސް" ގެ ބަތަލާ އަކީ ކަރީނާ ކަޕޫރްވެ.
"ސިންގަމް އެގެއިން" ގެ ކާސްޓާ ބެހޭ ގޮތުން މި ފަހުން މީޑިއާތަކުގައި ބައެއް ވާހަކަތައް ދެކެވޭތީ، ސައްހަ ނޫން ވާހަކަތައް ނުފެތުރުމަށާއި ފިލްމުގެ ކާސްޓާ ބެހޭ މައުލޫމާތު ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށް ބުނެ ރޯހިތުގެ ފަރާތުން ބަޔާނެއް ނެރެފައިވެ އެވެ.
އެ ބަޔާން ނެރެން އޭނަގެ 2021 ގެ "ސޫރިޔަވަންޝީ" ގެ ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާ ވިކީ ކޯޝަލް އަށް "ސިންގަމް އެގެއިން" ރޯލެއް ދީނުމުން އެ ދޫކޮށްލާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރުމާ ގުޅިގެންނެވެ.
ރޯހިތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކޮށް، ބޮޑު ފްލޮޕަކަށްވި ކޮމެޑީ ފިލްމު "ސާކަސް" އެވެ.