ދެވަނަ ދަރިއަކަށް ބަލިވެއިން ކަމަށާއި އެކަމަކު ފަސް ވަނަ މަހުގެ ތެރޭގައި ބައިގެން ގޮސްފައިވާ ކަމަށް ބޮލީވުޑްގެ ބަތަލާ ރާނީ މުކަރްޖީ ބުނެފި އެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 45 އަހަރުގެ ބަތަލާ ބުނި ގޮތުގައި އޭނަ ދެވަނަ ދަރިފުޅަށް ބަލިވެއިނީ 2020 ގެ ތެރޭގަ އެވެ. އަދި ދަރިފުޅު ބައިގެން ދިއުމުން ވަރަށް ފުން ހިތާމައަކާ ކުރިމަތިލާން ޖެހުނު ކަމަށް ރާނީ ބުންޏެވެ.
މިއަދު އޮސްޓްރޭލިއާގައި ފެށި މި މި އަހަރުގެ އިންޑިއަން ފިލްމު ފެސްޓިވަލް އޮފް މެލްބަން (އައިއެފްއެފްއެމް) ގެ ތެރެއިން ކުރިއަށް ގެންދިޔަ މާސްޓަކްލާހުގައި މި ވާހަކަ ހިއްސާކުރަމުން އޭނަ ބުނީ މިއީ މި ވާހަކަ މިހާ ފާޅުކަން ބޮޑުކޮށް ދެއްކި ފުރަތަމަ ފަހަރު ކަމަށެވެ. ރާނީ ބުނި ގޮތުގައި މިދިޔަ މާޗް މަހު ރިލީޒްކުރި އޭނަގެ އެންމެ ފަހުގެ ފިލްމު "މިސިސް ޗެޓަޖީ ވާސަސް ނޯވޭ" ކުޅެން ފުރުސަތު ލިބުނީ ދަރިފުޅު ބައިގެން ދިޔަތާ 10 ދުވަސް ފަހުން ކަަމަށެވެ.
"އޭގެ ޕްރޮޑިއުސަރު ނިކިލް އަދުވާނީ ސްކްރިޕްޓް ހިފައިގެން އައީމަ ވަގުތުން ބޭނުންވި އެއްބަސްވާން. ސަބަބަކީ އޭރު އަހަރެން ހުރި ހާލަތުން އަރަގައިތުމަށް ފިލްމީ މަސައްކަތެއް ކުރަން މުހިއްމު ކަމަށް ދެކުނީ،" ރާނީ ބުންޏެވެ. "އަނެއްކޮޅުން އެ ފިލްމަކީ ވެސް ދަރިންނާ ގުޅޭ ވާހަކައެއް ކިޔައިދިން އެއްޗެއް."
އާޝިމާ ޗިބާރް ޑައިރެކްޓްކުރި "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" އަކީ ނޯވޭގައިި ދިރިއުޅެމުން އައި އިންޑިއާގެ ދެމަފިރިއެއްގެ ތުއްތު ދަރިންތަކެއް އެ ގައުމުގެ ވެލްފެއާ އަށް ނެގުމުން ދަރިން އަނބުރާ ހޯދަން މަޔަކު ކުރި މަސައްކަތް ދައްކުދައިން ފިލްމެކެވެ.
ރާނީގެ ފިރިމީހާ އަކީ ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ކުންފުނި، ޔާޝްރާޖް ފިލްމްސް ވައިއާރްއެފް) ގެ މިހާރުގެ ވެރިޔާ އަދިތިޔާ ޗޯޕްޅާ އެވެ. އޭނަ އަކީ ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ ޑީޑީއެލްޖޭ) އާއި "މުހައްބަތޭން" ފަދަ ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.
ރާނީ އާއި އަދީ ކައިވެނިކުރީ 2014 ގަ އެވެ. އެ މީހުންގެ ފުރަތަމަ ދަރިފުޅު އަދީރާ އަށް މިހާރު 8 އަހަރެވެ.