Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

އިހަވަންދިއްޕޮޅު މަޝްރޫއުން ބޮޑު ކުރިއެރުމެއް ލިބޭނެ

އިހަވަންދިއްޕޮޅު މަޝްރޫޢު އަކީ އިޤްތިޞާދު ސިންދަފާތު ކުރުމަށް ލިބޭ ބޮޑު ކުރިއެރުމަށް ކަމަށް މިިނިސްޓަރ އޮފް އިކޮނޮމިކް ފައްޔާޒް އިސްމާޢިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައްޔާޒް މިހެން ވިދާޅުވީ، އިހަވަންދިއްޕޮޅު މަޝްރޫޢު ކުރިއަށް ގެންދިއުމަށް ޤަތަރުގެ އާބަކޮން އާއި އެކު ފަހުމުނާމާއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ބުރާސްފަތި ދުވަހުގެ ރޭ ސޮއި ކުރެވުނު އެމްއޯޔޫއަކީ އެސްޓީއޯއާއި އާބަކޮން ގުޅިގެން ބަންކަރިން އަދި ގައުމީ ތެލުގެ ރިޒާވް ތަރައްގީ ކުރުމަށް ބޭނުންވާ ފީސިބިލިޓީ ސްޓްޑީޒްތައް ހަދައި މިޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށްޓަކައި ވެވުނު އެއްބަސްވުމެކެވެ. މިއީ ސަރުކާރުން އިހަވަންދިއްޕޮޅު ޕޯޓް ސިޓީއެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ނިންމާފައިވާ ސިޔާސަތާއި އެއްގޮތަށް ކުރިއަށް ގެންދެވޭ މަޝްރޫޢު އެކެވެ.

ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރ ފައްޔާޒު ވިދާޅުވީ އިހަވަންދިއްޕޮޅު ތަރައްޤީ ކުރުމުގެ ވާހަކައަކީ އެކި ސަރުކާރުތަކުން އަބަދުވެސް ދައްކަމުންދިޔަ ވާހަކައެއް ކަމަށެވެ. ނަމަވެސް އެއްވެސް ސަރުކާރަކުން މިއަށް ޢަމަލީ މަސައްކަތެއް ނުކުރެވޭ ކަމަށާއި، މިހާރުވެސް މިކަން ކުރަން މާ ބޮޑަށް ލަސްވެފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ސްރީލަންކާގައި 2 ބަނދަރު އަދި އިންޑިއާގައިވެސް ޓްރާންސްޝިޕްމެންޓް ބަނދަރެއް ތަރައްޤީ ކުރެވެމުންދާއިރު އަދިވެސް ދިވެހިންނަށް މި މަސައްކަތުން ބޮޑު ފައިދާއެއް އޮތް ކަމަަށް ޤަބޫލު ކުރައްވާ ކަމާށް ވިދާޅުވިއެވެ.

" އަޅުގަނޑުމެން މިއޮންނަ ސްޓްރެޓީޖިކް ލޮކޭޝަނަކީ ގާތްގަނޑަކަށް 250 ބޯޓު ދުވާލެއްގެ މައްޗަށް 8 ވަނަ ޑިގްރީ ހުރަސްކޮށް ދަތުރުކުރާ ޗެނަލެއް. އެތަށް ޓްރިލިއަން ޑޮލަރެއްގެ މުދާ ކޮންމެ އަހަރެއްގެ ތެރޭ އެ ޗެނަލް މެދުވެރިކޮށް އެބަދޭ. " ފައްޔާޒު ވިދާޅުވިއެވެ. " އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ލަސްވެއްޖެ މީގެ ފައިދާ ނެގުމަށް ކުރަން ޖެހޭ ކަންކަން ކުރުމުގައި "

މީގެ އިތުރުން މަޝްރޫޢުގެ ސަބަބުން އުތަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން އަމާޒަކީ އިޤްތިޞާދީ ހަބެއްގެ ގޮތުގައި އިހަވަންދިއްޕޮޅު ޤާއިމްކޮށް، ޓްރޭޑިންގްއާއި މެނުފެކްޗަރިން މަސައްކަތް މުޅި އަލަށް ފަށައި އެއާއި ގުޅުން ހުރި މަސައްކަތް ކުރުން ކަމަށް އިޤްތިޞާދާއި ބެހޭ ވަޒީރު ވިދާޅުވިއެވެ. އަދި ދައުލަތުގެ ކުންފުނިތައް މަސައްކަތް ފަށާއިރު ބައިވެރިވިއަސް އަމާޒަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޕްރައިވެޓް ސެކްޓަރ އޭގައި ބައިވެރިވުން ކަމަށް އޭނާ ވިދާޅުވިއެވެ.


މިނިސްޓަރގެ ވާހަކައިގައި އިޤްތިޞާދު ބޮޑެތި ބަދަލުތަކެއް އައިސް މިވަގުތު ހަމައެކަނި ފަތުރުވެރިކަމަށް ބާރޯސާވެފައި އޮތް އިޤްތިޞާދު މިމަޝްރުޢުގެ ސަބަބުން ސިންދަފާތުވެ އިތުރު ކުރިއެރުން ތަކެއް ލިބިގެން ދާނެއެވެ.

" އަޅުގަނޑުމެން އިޤްތިޞާދު ޓުއަރިޒަމް އަށް ބިނާވެފައި އޮތުން؛ އެއީ ގޯސްކަމެއް ނޫން. އެކަމަކުން އިތުރު ކަންތައްތަކެއް އަންނަން އެބަޖެހޭ އިޤްތިޞާދަށް. އެހެންވީމަ މިއަދު ފެށިގެންދާ މަސައްކަތަކީ އިޤްތިޞާދު ސިންދަފާތު ކުރުމަށް އެޅިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް " މިނިސްޓަރ ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިން ޚިދުމަތް ފެށުމަށް ރެގިއުލޭޓަރީ ފްރޭމްވޯކް އެކުލަވާލުމަށްޓަކައި ބޭރުގެ ފަންނީ ކޮންސަލްޓަންސީ ހޯދައި ޑްރާފްޓް ރެގިއުލޭޝަންސްތައް ވަނީ ތައްޔާރު ކުރެވިފައެވެ. މިޕްރޮޖެކްޓް ހިންގުމުގައި ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދިރާސާކޮށް، ހޯދަންޖެހޭ އާލާތްތައް، ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ލަފާގެ މަތިން ދަނީ ކުރެވެމުން ކަމަށް ސަރުކާރުން ބުނެއެވެ.