Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

ސުޝްމިތާ އަށް ޔުނިވަސިޓީއަކުން ޝަރަފެއް

އިންޑިއާގެ ބަތަލާ ސުޝްމިތާ ސެން އަށް އެ ގައުމުގެ ޔުނިވަސިޓީއަކުން ހާއްސަ ޝަރަފެއް ދީފި އެވެ.

ވެސްޓް ބެންގާލްގެ ޓެކްނޯ އިންޑިއާ ޔުނިވަސިޓީން ކުރީގެ މިސް ޔުނިވާސް އަށް އަރުވާފައި ވަނީ އޮނަރަރީ ޑޮކްޓަ އޮފް ލެޓާސް ޑިގްރީ އެވެ. މި ޝަފަރު ސުޝްމިތާ އަށް އެރުވީ އަންހެނުންނާއި ކުޑަކުދިންގެ ހައްގުގައި އޭނަ ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށެވެ.

އިއްޔެ ޔުނިވަސިޓީގައި ބޭއްވި ހަފުލާއެއްގައި ސުޝްމިތާގެ ފަރާތުން ޝަރަފުގެ ލިޔުމާ ހަވާލުވީ އޭނަގެ ބައްޕަ ސުބީރް ސެން އެވެ. މިކަމާ ގުޅޭ ގޮތުން އިންސްޓަގްރާމް ޕޯސްޓްތަކެއްގައި ސުޝްމިތާ ބުނީ އޭނަ އަށް ހަފުލާގައި ބައިވެރި ނުވެވުނީ ވައިރަލް ފީވާއާ ހެދި ދަތުރުނުކުރަން ޑޮކްޓަރު ލަފާ ދީފައި އޮތުމުން ކަމަށެވެ.

އޭނަގެ ޕޯސްޓްގައި ޓެކްނޯ އިންޑިއާ ޔުނިވަސިޓީ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައިިވެ އެވެ. އަދި އޭނަގެ މަސައްކަތް ފާހަގަކޮށް ހާއްސަ ޝަރަފެއް ދިނުމަކީ ވަރަށް ބޮޑަޑް އުފާވި ކަމެއް ކަމަށާއި އެކަމާ އުފަލުން ގޮސް ފެންކަޅިވި ކަމަށް ބުނެފައިވެ އެވެ.

މިހާރު ފިލްމީ މަސައްކަތްތަކާ ވަރަށް ދުރުކޮށް އުޅޭ ސުޝްމިތާގެ ކުރިއަށް މަސައްކަތަކީ މި މަހުގެ 15 ގައި ޖިއޯ ސިނެމާ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ސީރީޒް "ތާލީ" އެވެ. މިއީ ޓްރާސްޖެންޑާ އެކްޓިވިސްޓެއް ކަމަށްވާ ޝްރީގޯވީ ސާވަންތަށް ބިނާކޮށް ހަދާފައިވާ އެއްޗެކެވެ.

ސުޝްމިތާ އަށް މިސް ޔުނިވާސްގެ ތާޖު ލިބުނީ 1994 ގަ އެވެ.