Last Updated: July 18, 17:09
Saturday, July 18, 2026
ދުނިޔެ

"ރެއިންބޯ" ގަޑި އަޅާ ނަމަ ޖަލަށް

އެއްޖިންސުން ގުޅުން ހިންގުމަށް ވަކާލާތުކުރާ މީހުން ބޭނުންކުރާ "ރެއިންބޯ" ކުލަ ހިމެނޭ ގަޑި އަޅާ މީހުންނަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާނެ ކަމަށް މެލޭޝިއާ އިން ބުނެފި އެވެ.

އެ ގައުމުން އެފަދަ ގަޑި އެޅުމާއި ވިއްކުމާއި އޭގެ މުއާމަލާތެއް އެއްވެސް ގޮތަކަށް މެލޭޝިއާގައި ހިންގާ ނަމަ އެކަން ކުރާ މީހުން ތިން އަހަރަށް ޖަލަށް ލައި، މަދުވެގެން 20،000 ރިންގިޓް (4،375 ޑޮލަރު) އިން ޖޫރިމަނާކުރަން ވަނީ ނިންމައިފަ އެވެ.

"ރެއިންބޯ" ގަޑި އަކީ ގަޑި އުފައްދާ ސްވިޓްޒަލޭންޑްގެ މަޝްހޫރު ކުންފުނި ސްވަޗުން ނެރެފައިވާ ގަޑި ކަލެކްޝަނެކެވެ.

މުސްލިމު މެޖޯރިޓީއެއް އޮންނަ މެލޭޝިއާ އިން ބުނީ އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓްކުރުމަކީ އެ ގައުމުން ފުރުސަތު ދޭނެ ކަމެއް ނޫން ކަމަށާއި އެއީ އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާން ކަމެއް ކަމަށެވެ. އަދި އެއީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ވެސް ހިލާފު ކަމަކަށްވާތީ އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓްކުރާ ނަމަ އެކަމާ ދެކޮޅަށް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅައި، ގާނޫނު ތަންފީޒުކުރާނެ ކަމަށް މެލޭޝިއާ ސަރުކާރުން ބުންޏެވެ.

އެ ގައުމުގެ ގާނޫނުތަކުން މިހާރު ވެސް އެއްޖިންސުން ގުޅުން ހިންގާ މީހުން 20 އަހަރާ ހަމައަށް ޖަލަށްލުމާއި ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމުގެ ފުރުސަތު ލިބިދެ އެވެ.

ސްވަޗްގެ "ރެއިންބޯ" ގަޑި ކަލެކްޝަނާ ބެހޭ ގޮތުން މެލޭޝިއާގެ ހޯމް އެފެއާޒް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ ގަޑި ކަލެކްޝަނަކީ މެލޭޝިއާ އިން މަނާކޮށްފައިވާ އެއްޗެއް ކަމަށެވެ. އެހެންވެ އެއްވެސް މުއާމަލާތެއް ހިންގަން ފުރުސަތު ނޯންނާނެ ކަމަށެވެ.