އިންޓަނެޓުގެ އަގުހެޔޮކުރަން ސަރުކާރުން އިސް ނަގައިގެން އެޅި އިންޑިއާ އޭޝިޔާ އެކްސްޕްރެސް ސަބްމެރިން ކޭބަލް ރަސްމީކޮށް ރާއްޖެއާ މިއަދު ގުޅާލައިފި އެވެ.
ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޭބަލް ގުޅާލުމުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
މި ސަބްމެރިން ކޭބަލް ރަސްމީކޮށް ގުޅާލާފައިވަނީ ހުޅުމާލޭގައި ހުންނަ އޯޝަން ކަނެކްޓް މޯލްޑިވްސްގެ ކެބަލްލޭންޑިންގް ސައިޓާ އެވެ. މިއީ ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް އަގުހެޔޮކޮށް, ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ރައީސް ވެވަޑައިގެންފައިވާ ވައުދުގެ ދަށުން, އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމަށް ކުރި މަސައްކަތެކެވެ.
ސަރުކާރުން ބުނީ އައިއޭއެކްސް ސަބްމެރިން ކޭބަލް ގުޅާލުމުން ގިގަބައިޓް ސްޕީޑްގައި ރާއްޖޭގެ އިދާރާތައް ގުޅާލެވޭނެ ކަމަށާއި އަދި އިދާރާތައް ގުޅާލުމަށް ހިނގާ ޚަރަދު ބޮޑުތަކުން ކުޑަ ކުރެވި، ރާއްޖޭގައި ވިލުންތެރި މުވާސަލާތީ ވިއުގައެއް ޤާއިމުކުރެވުމުގެ އިތުރުން ގަވަމެންޓް ނެޓްވޯކް އޮފް މޯލްޑިވްސް މެދުވެރިކޮށް އިންޓަނެޓް ފޯރުކޮށްދިނުމުގެ މަގު ފަހިވާނެ ކަމަށެވެ.
މީގެއިތުރުން އައިއޭއެކްސް ސަބްމެރިން ކޭބަލްގެ ސަބަބުން ސެޓެލައިޓް ސްކޫލިންގެ ނިޒާމް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށްވެސް ސަރުކާރުން ބުނެ އެވެ. އަދި ރާއްޖޭގެ ސިއްޙީ ދާއިރާ ޑިޖިޓަލައިޒްކޮށް ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އެއް ސިސްޓަމްއަކުން ގުޅާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް ސަރުކާރުން ބުނެ އެވެ.
މިގޮތުން, ދުރު ރަށްތަކުގައި ތިބި ބަލިމީހުންނަށް ރާއްޖޭގެ މައި ހޮސްޕިޓަލްގައި ފަރުވާދޭ ޑޮކްޓަރުންގެ ލަފާ ހޯދުމުގައި އެތައް ލުއި ފަސޭހައެއް ލިބިގެންދާއިރު ސިއްހީ ފަރުވާއަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރަން ޖެހުމަށް ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން މައުލޫމާތުދެ އެވެ.
މީގެ ކުރިންވެސް ސަރުކާރުން ވަނީ ރާއްޖޭގެ އިންޓަނެޓްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހެޔޮ އަގެއްގައި އާންމުންނަށް ފޯރު ކޮށްދިނުމަށްތަކައި "ނެޓުހެޔޮ" ސިޔާސަތު ތަންފީޒުކޮށްފަ އެވެ.