Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

މިއީ ޓެކްނޮލޮޖީ ހަބެއް އުފަންކުރުމުގެ ބިންގާ: ރައީސް

ރާއްޖެ ބައިނަލްއަޤުވާމީ ފައިބާ ކޭބަލްއާ ގުޅައިލުމަކީ، ރާއްޖޭގައި ބައިނަލްއަޤުވާމީ ޓެކްނޮލޮޖީ ހަބެއް އުފަންކުރުމުގެ ބިންގާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އޯޝަން ކަނެކްޓް މޯލްޑިވްސް-އިންޑިއާ އޭޝިޔާ އެކްސްޕްރެސް (އޯ.ސީ.އެމް-އައި.އޭ.އެކްސް) ކޭބަލް އިފްތިތާޙްކުރުމަށް މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖެ ބައިނަލްއަޤުވާމީ ފައިބާ ކޭބަލްއަކާ ގުޅައިލުމަކީ، ރާއްޖޭގައި ބައިނަލްއަޤުވާމީ ޓެކްނޮލޮޖީ ހަބެއް އުފެއްދުމުގެ ބިންގާ ކަމަށާއި އަދި މިއަދު މި އެޅީ ބައިނަލްއަޤުވާމީ ވިޔަފާރި އާއި ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔޭގެ އިރުމައްޗާއި ހުޅަނގާ ދެމެދު ގުޅުވައިދޭ ފާލަމަކަށް ރާއްޖެ ހެދުމުގެ ފުރަތަމަ ފިޔަވަޅު ކަމަށެވެ.

މި ސަބްމެރިން ކޭބަލަކީ ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް ދޭ ކުންފުނިތަކަށް ވެސް ލިބުނު ވަރަށް ރަނގަޅު ފުރުޞަތެއް ކަމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ސަރުކާރުން ކޮށްދޭ ކަމަކީ، ޚިދުމަތްދޭ ކުންފުނިތަކާއި ބައިނަލްއަޤުވާމީ ފައިބަރ ކޭބަލްއަކާ ސީދާ ގުޅައިލުމުގެ ފުރުޞަތު ހޯދައިދިނުން ކަމަށާއި މި ކޭބަލް ވިއުގަޔާ ގުޅުމުން، ޚިދުމަތް ދިނުމަށް އެ ކުންފުނިތަކުން ކުރަންޖެހޭ ހޭދަ އެތައް ގުނައެއް ކުޑަވެގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އޭރުން ރައްޔިތުންގެ ޖީބަށް ލުއި، އަދި މިހާރަށް ވުރެ ދެ ގުނަ ހަލުވި ސްޕީޑްގައި އިންޓަރނެޓްގެ ޚިދުމަތް ދެވޭނެ،" ރައީސް ވިދާޅުވި އެވެ.

އަދި އެމީހަކު ހުރި ރަށަކުން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ދިނުމަށް ސަރުކާރުން ކުރާ މަސައްކަތަށް ވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އާބާދީ ކިތަންމެ ކުޑަޔަސް، އެ ކުއްޖަކު ދިރިއުޅޭ ރަށެއްގައި ހުރެގެން ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުމަށް ހިންގާ ސެޓެލައިޓް ސްކޫލްތައް، މިހާރަށް ވުރެ މާ ފުރިހަމައަށް ކުރިއަށް ގެންދެވޭނެކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.