ރާއްޖޭގެ އިޤްތިޞާދު ދެގުނަވެގެން ދިއުމަށް ބޭނުންވާ އެންމެ މުހިންމު އިންޖީނު މިއަދު އަޅާ ނިމިގެން ގޮސްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢިލް ވިދާޅުވެއްޖެއެވެ.
ޖިއޯ ކުންފުނީގެ ފަރާތުން އަޅަމުންދާ އިންޑިއާ އޭޝިއާ އެކްސްޕްރެސް ކޭބަލް ނުވަތަ އައި.އޭ.އެކްސް ކޭބަލް ރާއްޖެއަށް އެއްގަން ކުރުމާއި ގުޅިގެން ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ފައްޔާޒު ވަނީ މި ކޭބަލްގެ ސަބަބުން ރާއްޖެއަށް ލިބިގެން ދާނެ ފައިދާތަކަށް އަލިއަޅުވާލާފައެވެ. އަދި ކޭބަލް އެޅުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
" އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި، މި ދިވެހި ރާއްޖޭގެ އިޤްތިޞާދުގެ ކުރިއެރުމަށް ދެގުނަ އިތުރުވެގެން ދިއުމަށް އެޅޭ އެންމެ މުހިންމު އިންޖީނު މިއަދު އަޅާ މިނިމުނީ. " މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.
މިނިސްޓަރ ފައްޔާޒުގެ ވާހަކަފުޅުގައި އިންޓެނެޓަކީ، އިޤްތިޞާދާއި ސެކިއުރިޓީއާއި ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ކަމެއް ކަމަށެވެ. އަދި އެކަމުގައި ފާހަގަވި ދައުލަތުގެ އެއްވެސް ބާރެއް އެކަމަށް ނެތް ކަމުގައި ކަމަށް ވިދާޅުވިއެވެ. އެގޮތުން އިޤްތިޞާދު ފުޅާކޮށް ރައްޔިތުންނަށް ދޭން ޖެހޭ ޙިދުމަތް ދިނުމާއި އެކި ކަންކަން ކުރުމުގައި އެ މިނިވަންކަން ސަރުކާރަށް އޮންނަން ޖެހޭ ކަމަށެވެ. އަދި މިކުރާ މަސައްކަތަކީ އެއްވެސް ގޮތަކަށް އިންޓަނެޓް ޚިދުމަތް ދިނުން ނޫން ކަމަށް މިނިސްޓަރ ސާފުކޮށްދެއްވިއެވެ.
" އަޅުގަނޑުމެންގެ އަމާޒަކީ މިއަދު ރާއްޖޭގައި އިންޓަނެޓް ޚިދުމަތްދޭ ފަރާތްތަކަށް، އެބޭފުޅުން މިހާރު ރާއްޖެއިން ބޭރުން އެ ގަންނަ ބޮޑުއަގުގައި ގަންނަ ގަތުން ހުއްޓުމަކަށް ގެނެސް، އެބޭފުޅުން އާންމު ރައްޔިތުންނަށް އެދެ ޚިދުމަތުގެ އަގު ބޮޑުތަނުން ދަތް ކުރުމާއި އޭގެ ކޮލިޓީ އިތުރުކުރުން. " ފައްޔާޒު ވިދާޅުވިއެވެ.
އެގޮތުން ދިރާގާއި އުރީދޫ ފަދަ އޮޕަރޭޓަރުން މިހާރު ކުރަން ޖެހޭ ޙަރަދު 50 އިންސައްތައަށް ވުރެ ބޮޑުކޮށް އޯސީއެމް ނުވަތަ އޯޝަން ކަނެކްޓް މޯލްޑިވްސްގެ އައިއޭއެކްސް ކޭބަލްގެ ސަބަބުން ކުޑަވެގެން ދާނެ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
ސަރުކާރުން މިހާރުވެސް ގިނަ ޚިދުމަތްތަކެއް ޑިޖިޓަލައިޒްކޮށް ދެމުންދާ ކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ މިއަދު ޤާއިމްވެގެން މިދަނީ އެ ޙިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފުރިހަމަ ކުރުމަށް ބޭނުންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ކަމަށެވެ.