ބާންލީ 3-0 އިން ބަލިކޮށް މެންޗެސްޓާ ސިޓީން އިނގިރޭސި ޕްރިމިއާ ލީގު މޮޅަކުން ފަށައިފި އެވެ.
ސިޓީ އަކީ ޕްރިމިއާ ލީގުގެ ފާއިތުވި ހަތަރު ސީޒަނުގެ ވެސް ޗެމްޕިއަނުންނެވެ. ސިޓީން ވަނީ މި ސީޒަނަށް އެ ކްލަބުގެ ސްކޮޑް ވަރުގަދަ ކުރަން ޗެލްސީ އަށް ކުޅެމުން އައި ކްރޮއޭޝިއާގެ މިޑްފީލްޑަރު މަޓެއޯ ކޮވަސިޗްގެ އިތުރުން ޖަރުމަނުގެ އާރްބީ ލައިޕްޒިގަށް ކުޅެމުން އައި ކްރޮއޭޝިއާގެ ޑިފެންޑަރު، ޖޮސްކޯ ގްވާޑިއޯލް ގެނެސްފަ އެވެ.
މިފަހަރުގެ ލީގަށް ޕްރޮމޯޓްވި ބާންލީގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ހަތަރުވަނަ މިނެޓްގައި އާލިން ހާލަންޑް ވަނީ ސިޓީ އަށް ލީޑު ނަގައިދީފަ އެވެ. ރޮޑްރީ ބޮލުން ދިން ޕާހަކުން ހާލަންޑް މި ގޯލު ކާމިޔާބު ކުރީ ބާންލީގެ ޕެނަލްޓީއޭރިއާ ތެރޭ ފޮނުވާލި ހަމަލާއެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ. އަދި މެޗުގެ 36 ވަނަ މިނެޓްގައި ހާލަންޑް ވަނީ ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ހާލަންޑް ވަނީ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި 38 ގޯލު ކާމިޔާބުކޮށްފަ އެވެ.
ދެ ގޯލުގެ ލީޑަކާއެކު ސިޓީން ފުރަތަމަ ހާފް ނިންމާލިއިރު މެޗުގެ 75 ވަނަ މިނެޓްގައި އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ރޮޑްރީ އެވެ. މެޗުގެ އިތުރު ވަގުތުތެރޭ ސިޓީގެ ކައިލް ވޯކާ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ބާންލީގެ އަނަސް ޒަރޫރީ އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މި މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.
މި މެޗުން ސިޓީ މޮޅުވިއިރު އެޓީމަށް ކުރިމަތިވި ހަމައެކަނި ނުތަނަވަސްކަމަކީ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އަށް އަނިޔާވުމެވެ. އެ އަނިޔާގެ ސަބަބުން ދުވަސްތަކަކަށް އޭނާ ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ނިއުކާސަލް ޔުނައިޓެޑާ އެވެ. ބާންލީ ނިކުންނާނީ އެސްޓަންވިލާއާ ދެކޮޅަށެވެ.