Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

"ބިއޯންޑް" ގެ ޓެސްޓް ދަތުރު ހޯމަ ދުވަހު

ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއާލައިންގެ ގޮތުގައި ހިދުމަތް ދޭން ފަށަން ތައްޔާރުވަމުން އަންނަ "ބިއޯންޑް" ގެ ފުރަތަމަ ޓެސްޓް ދަތުރު އަންނަ ހޯމަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

މި އެއާލައިނަކީ ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާގެ އާއިލީ ވިޔަފާރި ކުންފުނި، ސިމްޑީ ގްޕޫރާއި ދުބާއީގެ އެރޭބިސް ކޮމްޕެނީ ގުޅިގެން އުފައްދާފައިވާ އެއާލައިނެކެވެ. "ބިއޯންޑް" ފުރަތަމަ ޓެސްޓް ދަތުރު ހޯމަ އަށް ތާވަލުކޮށްފައިވާ އިރު، އެއާލައިންގެ ފުރަތަމަ ބޯޓް އިއްޔެ ވަނީ ރާއްޖެ ވެސް ގެނެސްފަ އެވެ. މި އެއާލައިންގެ ދަތުރުތަކަށް ބޭނުން ކުރާނީ އޭ-320 މަރުކާގެ ބޯޓްތަކެވެ.

"ބިއޯންޑް" އިން ބުނި ގޮތުގައި ފުރަތަމަ ޓެސްޓް ދަތުރު ބާއްވާނީ މާލެ އިން ޑރ. ޝަކީލާގެ އުފަން ސިޓީ، އައްޑުއަށެވެ.

މި އެއާލައިންގެ ދަތުރުތައް ރަސްމީކޮށް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ބާރަށް ކުރިއަށްދާ އިރު މިދިޔަ މެއި މަހުގެ ތެރޭގައި މާލޭގައި ވަނީ އެއާލައިންގެ އޮފީހެއް ވެސް ހުޅުވައިފަ އެވެ. އަދި އެއާލައިނަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

"ބިއޯންޑް" ގެ އަމާޒަކީ ހިދުމަތް ފަށާ އިރު، ދުނިޔޭގެ 60 މަންޒިލަކަށް އުދުހުމެވެ. ފުރަތަމަ ދަތުރުތައް ފަށާ މަންޒިލްތަކުގެ ތެރޭގައި ފްރާންސްގެ ޕެރިސް، އޮސްޓްރިއާގެ ވިއެނާ، ޔޫއޭއީގެ ދުބާއީ، އިޓަލީގެ މިލާން، ހޮންކޮންގް، ޓައިޕޭ އަދި ސިންގަޕޫރް ހިމެނެ އެވެ.