މިހާތަނަށް ޗާޕްކުރި ދުނިޔޭގެ އެންމެ ބޮޑު ފޮތަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އާންމު މައުލޫމަތަކަށްޓަކައި މި ކަހަލަ މައުލޫމާތުތައް ވެސް އެއްކޮށްލުމަކީ ހަމަ ވަރަށް ރަނގަޅު ކަމަށް ވާނެ އެވެ. ހާއްސަކޮށް ފޮތްތެރި ކަމަށް ލޯބިކުރާ މީހުންނަށް މިކަހަލަ މައުލޫމާތުގެ މުހިއްމު ވާނެ އެވެ.
އެހެންވެ މި ފަހަރު ދުނިޔޭގެ އެންމެ ބޮޑު ފޮތަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ. އެއީ މިދިޔަ އަހަރުގެ ނޮވެމްބަރު 5 ގައި ނެރުނު "އައި އޭމް ޓެކްސަސް" އެވެ. މި ފޮތް ދުނިޔޭގެ ރެކޯޑަކަށްވީ މިހާތަނަށް ޗާޕްކުރި އެންމެ ބޮޑު ފޮތަށްވުމުންނެވެ. މީގެ ދިގު މިނުގައި 7 ފޫޓް ހުންނަ އިރު، ފުޅާމިމަކީ 11 ފޫޓެވެ. ފޮތުގެ ބަރުދަނަކީ 224.9 ކިލޯ އެވެ.
"އައި އޭމް ޓެކްސަސް" އަކީ ތައުލީމު އުނގެނުމުގެ މުހިއްމުކަން އަންގައި ދިނުމާއި އެކަމަށް ހޭލުންތެރިކަން އުފައްދަން ގިނަ ބަޔަމު ގުޅިގެން ކޮށްފައިވާ މަސައްކަތެކެވެ. އެމެރިކާގެ ޓެކްސަސް އިން ނެރުނު މި ފޮތުގައި ހިއްސާވަނީ އަމިއްލަ ޖަމާއަތެއް ކަމަށްވާ އައިރައިޓް އާއި މިއުޒިއަމެއް ކަމަށްވާ ދަ ބްރަޔަން މިއުޒިމާއި ޕަބްލިޝިން ހައުސްއެއް ކަމަށްވާ އޯޑިނަރީ ޕީޕަލް ޗޭންޖް ދަ ވޯލްޑެވެ.
ޖުމްލަ 400 ސޮފުހާގެ "ދަ ޓެކްސަސް" ގައި ހިމެނެނީ ގްރޭޑް 3-12 ގެ 1،000 ދަރިވަރެއްގެ ޅެމާއި ވާހަތަކާއި އެކި ކަހަލަ އާޓްވޯކްތަކެވެ. މި ފޮތަށް ދުނިޔޭގެ އެންމެ ބޮޑު ފޮތުގެ ރެކޯޑް އޮތް އިރު، އާދައިގެ ސައިޒުގެ ފޮތްތައް ވެސް ނެރެފައިވެ އެވެ. އަދި އައިރައިޓްގެ ވެބްސައިޓް މެދުވެރިކޮށް ފޮތް ގަނެވޭނެ އެވެ.
ކުރިން އެންމެ ބޮޑު ފޮތުގެ ގޮތުގައި ރެކޯޑްކޮށްފައި އޮތީ 2012 ގައި ދުބާއީގެ މޭޝްޑް އިންޓަނޭޝަނަލް ގްރޫޕުން ތައްޔާރުކުރި ފޮތަކަށެވެ. އެކަމަކު އެއީ ޗާޕްކޮށްގެން ނެރުނު އެއްޗެއް ނޫނެވެ.