އަންނަ މަހު އޮލިމްޕަހަށް ގެންނަން ނިންމާފައިވާ ކޮމެޑީ ފިލްމު "ޖޯކަރު" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
މި ފިލްމަކީ މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު، ލިޔެ، ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. އޭނަ ކުރިން ވެސް ކާމިޔާބު ކޮމެޑީ ފިލްމުތަކެއް ގެނެސްދީފައިވެ އެވެ. އޭގެ ތެރޭގައި "ބައިވެރިޔާ"، "ނޯޓީ 40" އަދި އޭގެ ސީކްއެލް "40 ޕްލަސް" ހިމެނެ އެވެ.
އަންނަ މަހުގެ 5 ގައި އޮލިމްޕަހުގައި އަޅުވަން ތާވަލުކޮށްފައިވާ "ޖޯކަރު" އަކީ އިސްމާއީލް ޝަފީގާއި ޝާނީޒް އަލީ ޕްރޮޑިއުސްކޮށްފައިވާ އެއްޗެކެވެ. މީގެ ކާސްޓްގައި އަހުމަދު ނިމާލު، ޝީލާ ނަޖީބު، އަހުމަދު ސައީދު، އަލީ އާޒިމް (ދޮން އައްޔަ) ،ނާޝިދާ މުހައްމަދު، އިބްރާހީމް ރަޝީދު (ބްރޯ)، ހަމްދާން ފާރޫގް، އަހުމަދު ރިފްޝާން، ޝަހީދާ އަހުމަދު، މޫސާ އަލީފާއި އީމަން އަދި ނަސްވީ ހިމެނެ އެވެ.
"ޖޯކަރް" އަކީ މި އަހަރު އޮލިމްޕަހުގައި އަޅުވާނެ ހަ ވަނަ ފިލްމެވެ. މިހާރު އެތަނުގައި ދައްކަނީ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ ކްރައިމް ޑްރާމާ "ނީނާ" އެވެ.
އަންނަ މަހު ޔޫއްޕެގެ "ޖޯކަރު" ބެލުންތެރިންނަށް ދޫކޮށްލާ އިރު، އޮކްޓޯބަރު އޭނަގެ ބިރުވެރި ފިލްމު "ކަޅަލި" އޮލިމްޕަހަށް ގެންނާނެ އެވެ.