Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ޕީޕީއެމް ގުޅޭތާ ހަފުތާއެއްތެރޭ ޔަމީން މިނިވަން ކުރަނާން

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ދަ ޑިމޮކްރެޓްސް އާއި ގުޅޭތާ ހަފްތާއެއް ތެރޭގައި އިދިކޮޅު ކޯލިޝަންގެ ލީޑަރު ރައީސް ޔާމީން ޖަލުން ނެރެދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

މިވަގުތު ހުވަދުއަތޮޅުގައި ޑިމޮކްރެޓްސްގެ ފަރާތުން ދަނީ ކެމްޕެއިން ކުރިއަށް ކުރައްވަމުންނެވެ. އެގޮތުން ގދ. ގައްދޫގައި ހުކުރު ދުވަހު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ޑިމޮކްރެޓްސް ޕާޓީ އުފެއްދާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ވިދާޅުވީ ރައީސް ޔަމީން ޖަލުން ނެރުމަށް ޕީޕީއެމްގެ ލިޑާޝިޕްއިން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ

މީގެ އިތުރުން ޕީޕީއެމް ލީޑާޝިޕުގައި ޖަލުގައި ރައީސް ޔާމީން ބެހެއްޓުމަށް ބޭނުންވާ މީހުންވެސް ތިބިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދީ ކުރީ ސަރުކާރުގައި އެމަނިކުފާނު ޖަލުގައި ހުންނެވި އިރު ކަންތައްވީ ގޮތަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

" އަޅުގަނޑު ޖަލުގައި ނެތީ؛ ކުޑަ ދުވަސްކޮޅަކު އިނދެފައި ފުރައިގެން ދިޔައީ އެމްޑީޕީ މެންބަރުންނަށް އެކަން ކުރަންވެސް އެނގޭތީވެ. އަދި މިއަދު އަޅުގަނޑާއި އެކުގައި މިތިބި އެމްޑީޕީގެ އެތަށް ބޭފުޅުންނެއް؛ ތިބޭފުޅުންގެ މެންބަރު ޒާހިރު އަދި ފިރުޝާން، މި ބޭފުޅުންގެ ގިނަގުނަ ބައިވަރު މަސައްކަތްތަކުގެ ސަބަބުން " ނަޝީދު ވިދާޅުވިއެވެ.

އެގޮތުން ބައިނަލްއަޤްވާމީ ދުނިޔޭގައި ކުރި މަސައްކަތާއި އަދި މާލޭ މަގުމަތީގައި ނަޝީދު މިނިވަން ކުރުމަށް ކުރެވުނު މަސައްކަތް ރައީސް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.

"ރައީސް ޔާމީނަށް އެލުޔެއް ނުލިބުނު. އަޅުގަނޑު ޕީޕީއެމް މެންބަރުންނަށް ޔަޤީންކޮށް އަރުވަން. ތިބޭފުޅުން އަޅުގަނޑުމެންނާއި އެކުގައި އަޅުގަނޑާއި އެކު މަސައްކަތް ކުރުމަށް އެއްބަސްވެ ސޮއިއަޅާތާ ހަފްތާއެއް ތެރޭ، އިރާދަ ކުރެއްވިއްޔާ މާލޭ މަގުމަތީގައި، އަޅުގަނޑު އަބަދު އުޅެގެންވެސް ރައީސް ޔަމީން ގެއަށް ގެނެސްދޭނަން " ނަޝީދު ވިދާޅުވިއެވެ.

ޕީޕީއެމުން ޔަމީން ޖަލުން ނެރެން މަސައްކަތް ނުކުރާ ކަމަށް ނަޝީދު ވިދާޅުވިއިރު، ޕީޕީއެމް މެންބަރުންނަށް އެމަނިކުފާނު ދަނީ ތަކުރާރުކޮށް ޑިމޮކްރެޓްސްއާއި ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލަމުންނެވެ. އަދި އެއްވެސް ޕީޕީއެމުންވެސް ގިނަ މެންބަރުން ޑިމޮކްރެޓްސްއަށް ވޯޓު ދޭނެ ކަން ޔަޤީން ވެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން މިނިވަން ކުރުމަށް ޕީޕީއެމުން އަޑު ކޮންމެ ރެއަކުން ހެން އަޑު އުފުލުމަށް މުޒާހަރާއާއި އިހުތިޖާޖު ކުރަމުންދެއެވެ. އަދި ރައީސް ކެމްޕެއިނަށް ވަޑައިގަންނަވާ ސަރަހައްދުތަކަށް އެއްވެ އެކަމާއި އަޑު އުފަލަމުންވެސް ދެއެވެ.