Last Updated: June 6, 13:44
Saturday, June 6, 2026
ޚަބަރު

އަންގާރަ ދުވަހު މާލެ ސަރަހައްދުން ގޯތި ދޫކުރަނީ

މި ހަފްތާ އަންގާރަ ދުވަހު މާލެ ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޫކުުރަން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނ. ކުޑަފަރީއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މާލެއިން ގޯތި ދޫކުރުމުގެ ކަންކަން މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށެވެ.

ގޯތި ލިބޭ މީހުންގެ ލިސްޓު އާންމު ކޮށްފައިވާއިރު ރައީސް ސޯލިހް ވިދާޅުވީ ޕްލޭނަކީ މި އަންގާރަ ދުވަހުން ފެށިގެން ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށުން ކަމަށެވެ. އަދި މާލޭ ސަރަހައްދުން 18،000 އާއި 20،000 އާ ދެމެދުގެ އަދަދަކަށް މީހުން ގޯތި ބޭނުންވާ ކަމަށް ވެސް ވިދާޅުވިއެވެ.

މާލެ ސަރަހައްދުން ދޫކުރާ ގޮއްޗަށް އެދި 15،164 ފޯމް ހުށަހެޅިއިރު އޭގެތެރޭގައި ޖޮއިންޓް އެޕްލިކޭޝަންތަކާއިއެކު 23،088 މީހަކު ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 12،794 ފޯމް ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 19،857 މީހުން ކަމަށް ޕްލޭނިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. ގެޒެޓްކޮށްފައިވާ ވަގުތީ ލިސްޓުގައިވަނީ އޭގެ ތެރެއިން 10،314 މީހަކަށް ލިބޭ ގޯއްޗެވެ.